- Advertisement -spot_img

ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ށ. ފުނަދޫގައި އިސްރަށްވެހިންނަށް ޚާއްސަ ހިޔާވައްސެއް ބިނާކުރުމުގެ މަސައްކަތް 37.46 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީނެވެ.

މި މަޝްރޫޢުގެ ދަށުން 40 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތެއް ފުނަދޫގައި ބިނާކުރާނެއެވެ. މި އިމާރާތުގައި ޞިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި، އަދި ޒަރޫރީ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަތައް ހިމެނޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ރެކްރިއޭޝަން ހަރަކާތްތަކަށް ޚާއްސަ ސަރަޙައްދެއް ވެސް މި މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރެވޭނެއެވެ. 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫޢަކީ ފުނަދޫގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް މުހިންމު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިސްރަށްވެހިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އެފަރާތްތަކުގެ ދައުރު ފުޅާކުރުމެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި އަހަރު މާލެ ސަރަހައްދުގެ އިތުރުން ލ.، ދ.، ރ. އަދި ށ. އަތޮޅުގައި އިސްރަށްވެހިންގެ ނާދީތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި ޤާއިމުކުރާ އިސްރަށްވެހިންގެ ނާދީތައް ހިންގުމުގެ މަސްއޫލިއްޔަތު އޮންނާނީ އެ ރަށްރަށުގެ ކައުންސިލްތަކަށެވެ. އެހެންނަމަވެސް، މި މަރުކަޒުތަކުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް