ނިރުބަވެރި އިސްރާއީލާއި އިރާނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމާގައި މިވަގުތުވެސް ދެ ގައުމުން އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
އެގޮތުން އިސްރާއީލުން ވަނީ ވައިގެ މަގުން އިރާނުގެ ވެރިރަށް، ތެހެރާނަށް ހަމަލާތަކެއް ދީފައެވެ.
މި ހަމަލާގައި ތެހެރާނުގެ ތެޔޮ ރައްކާ ކުރާ ކާރުހާނާއެއްގައި ރޯވެ އަނދަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފައިވާއިރު، އިރާނުގެ ”ތަސްނީމް“ ނޫހުން ބުނި ގޮތުގައި އިސްރާއީލުން ދިން ހަމަލާ އަމާޒުވެފައިވަނީ ތެހެރާނުގައި ހުންނަ އެގައުމުގެ ދިފާއީ ވުޒާރާގެ މައި މަރުކަޒަށެވެ.
އެގޮތުން މި ހަމަލާގައި އެ މަރުކަޒުގެ އެއް އިމާރާތައް ގެއްލުން ލިބިފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އެ ނޫޙުން ބުނި ގޮތުގައި އިމާރާތަށް ލިބިފައިވަނީ ކުދިކުދި ގެއްލުމެވެ.
އިސްރާއީލާއި އިރާނާއި ހަމަލާތައް ބަދަލު ކުރަމުން އަންނައިރު، އިރާނުން ވަނީ އިސްރާއީލަށް ހަމަލާތަކެއްދީ ބަޔަކު މަރާލާފައެވެ. އެގޮތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދަކަށް ދިން ހަމަލާގައި އިސްރާއީލުގެ ތިން މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ޓައިމްސް އޮފް އިސްރާއީލް“ އިން ވަނީ ބުނެފައެވެ.
ރާއްޖެ ގަޑިން މެންދަމު 1:05 އެހާކަންހާއިރު އިރާނުންވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިސައިލްތަކާއި ޑްރޯންތައް ބޭނުން ކޮށްގެން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް މި ހަމަލާދީފައިވާއިރު، ހަމަލާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިސްރާއީލުގެ އުތުރަށެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާނުގެ މި ހަމަލާގައި އުތުރުން އޮންނަ ޓަމްރާއިން މަރުވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ. މި އެންމެންނަކީ ވެސް އިސްރާއީލުގެ ޚާތިބް އާއިލާއަށް ނިސްބަތްވާ މީހުން ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
އިސްރާއީލާއި އިރާނާއި ދެމެދު ޒަމާންވީ ނުތަނަވަސްކަން ހަމަލާބަދަލު ކުރުންތަކަށް ބަދަލުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔާ މަރުކަޒުތަކަށް ދިން ހަމަލާތަކާއި ގުޅިގެންނެވެ. އެ ހަމަލާތަކާއި ގުޅިގެން ހަމަ އެދުވަހު އިރާނުން ވަނީ އިސްރާއީލަށް ހަމަލާދީފައެވެ. އެ ހަމަލާގައި އިސްރާއީލް އަސްކަރިއްޔާގެ މައިމަރުކަޒަށް ގެއްލުން ދީފައިވާއިރު، އިއްޔެއާއި މިއަދު ވެސް އިސްރާއީލާއި އިރާނާއި ދެމެދު ވަނީ ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ގެންގޮސްފައެވެ.
އިރާނުން މިއަދު ފުރަތަމަ ދިން ހަމަލާގައި އިސްރާއީލް 5 މީހުން މަރާލާފައިވާއިރު، ދެވަނަ އަށް ދިން ހަމަލާގައި ވެސް އެކަކު މަރާލައި، 30 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.