އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވާ ކަމަށް ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފިއެވެ.
އައިޑީއެފް އިން ބުނީ އީރާނާ ދެކޮޅަށް ހަމަލާތައް ދީފައި ވަނީ ޖެޓްތައް ބޭނުން ކޮށްގެން ކަމަށެވެ. މި ހަމަލާ ދީފައީ ރޭ އީރާނު ގަޑިން ދަންވަރު 3:00 ގައެވެ. އެއީ ރާއްޖެ ގަޑިން 4:30 އެވެ.
އިސްރާއީލުގެ އަސްކަރިއްޔާ އިން ސިފަކުރި ގޮތުގައި މި ހަމަލާއަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އަމާޒުކޮށް މަތީ ފެންވަރުގެ އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް ދިން ސީދާ އަދި އިންޓަގްރޭޓެޑް ޕްރިމިޕްޓިވް ހަމަލާއެކެވެ.
އެހެންނަމަވެސް މިހަމަލާތައް ދީފައިވަނީ އާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ. މިއީ އެއްވެސް ރަޙުމެއް ނެތި ކުޑަކުދިން މަރަމުން އަންނަ ނިރުބަވެރިންނަށް އާ ކަމެއް ނޫނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭހާ ހިނދަކު ދެމިއޮންނާނެ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބުނެފައިވަނީ އެ ހަމަލާތަކުގައި އެމެރިކާ ”ބައިވެރިނުވާ“ ކަމަށާއި އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް އީރާނަށް އިންޒާރު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ ކަނޑައެޅިގެން ދޮގުކަން، އަބަދުވެސް ނިރުބަވެރިންނަށް ވާގިވެރިވާ އެމެރިކާގެ ޢަމަލުތަކުން އެނގެއެވެ.