ކ. ތުލުސްދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮންޕެނީ (އެމްޓީސީސީ) އިން ތައްޔާރު ވެއްޖެއެވެ.
މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރެވޭއިރު، 1,729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެއެވެ. ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަޖެންސީ ޚިދުމަތްދެވޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ހިމެނޭނެއެވެ.
މި މަޝްރޫއަކީ 101.71 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެން ދާނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށިއެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމަން ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ.