މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އިސް މަގާމަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް އާތިފް ޝަކޫރު އައްޔަނު ކޮށްފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު އާތިފް އައްޔަނު ކޮށްފައި ވަނީ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށެވެ. އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ކުންފުނީގެ އެކި ކަންކަމާއި ގުޅޭގޮތުން އެމްޑީ އަދި ސީއީއޯއަށް ލަފާ އެރުވުމެވެ.
އާތިފް ވަނީ މިފްކޯގައި ވަރަށް ގިނަ އަހަރުތަކަކު ހިދުމަތް ކުރައްވާފަ އެވެ.
މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުން ވިޓާލީ ލިއުބިމޮވް ވަކިކޮށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަނު ކުރީ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ.