ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޣައްޒާއަށް އެހީ ގެންދަން އުޅުނު މީހުން ހައްޔަރުކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: އެމްނެސްޓީ އިންޓަނޭޝަނަލް

އިސްރާއީލުން ޣައްޒާއަށް އެހީ ހިފައިގެންދިޔަ މެޑްލީން އުޅަނދު ހިފެހެއްޓުމަކީ އިސްރާއީލުން ހިންގި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް އެކަން ކުއްވެރި ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަލަމާޑް ވިދާޅުވެފައިވަނީ މެޑްލީން ބޯޓުގައި އާންމުންގެ ބަޔަކު އެހީއާއެކު ޣައްޒާއަށް ދިޔައީ އިސްރާއީލުން ގާނޫނާ ހިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި އެކަން އިސްރާއީލުން ހުއްޓުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބަލައިގަނެފައިވާ ގޮތުގައި ”އޮކިއުޕައިން ޕަވާ“ގެ ގޮތުގައި، އިސްރާއީލުގެ މައްޗަށް ގާނޫނީ ޒިންމާއެއް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ޣައްޒާގެ އާންމު ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކާނާއާއި ބޭސްފަރުވާ ލިބޭކަން ކަށަވަރުކޮއްދިނުމެވެ. އެހެންކަމުން މެޑްލީން އުޅަނދަށް އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަށް އިސްރާއީލުން ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކަލަމާޑް އެހެން ގައުމުތަކަށް ގޮވާލައްވާފައިވަނީ މިހާރަށްވުރެ ހަރުދަނާ ގިނަ ކަންތައްތަކެއް ކޮށްގެން ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށެވެ.

މިވަގުތު ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމަށް ހިންގާ ގަތުލްއާންމެއް ކަމަށާއި، އެއި އަސްކަރީ އެއްވެސް ހަމައެއް ނެތި ކުރާ ހަނގުރާމައެއް ކަމަށް ބުނެ އޭނާ ވަނީ ފާޑުކިޔާފައެވެ. އަދި އިސްރާއީލުން އިންސާނީ އެހީއަށް ހުރަސް އެޅުމުގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވެސް އަމާޒުކޮށް ހަމަލާދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ނިރުބަވެރިން ލާއިންސާނު އަމަލު ހިންގަމުންދާއިރު ގިނަ ގައުމުތަކުން ދަނީ މިކަން ކުށްވެރި ކުރަމުންނެވެ. އަދި އެ އަމަލު ހުއްޓާލުމަށް އެތަކެއް ޖަމިއްޔާ، ޖަމާއަތްތަކުން ގޮވަމުންދާ އިރު އިސްރާއީލުން ދަނީ ކުރިއަށް ވުރެ ބޮޑަށް ގަތުލްއާންމު ފުޅާކޮށްފައެވެ.

އިސްރާއީލުން ބުނަމުންދަނީ ހަނގުރާމައަކީ ހަމާސް ޖަމާއަތާ ދެކޮޅަށް ހިންގާ ހަނގުރާމައެއް ކަމުގައެވެ. ނަމަވެސް އިސްރާއީލުން ދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަކަށް ހަމަލާދީ އާންމުން ޝަހީދުކޮށް ގެދޮރުތައް ސުންނާފަތިކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް