ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓެއް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދަޢުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ ރާއްޖޭގައި ކުރާ އެކި ބާވަތުގެ މަސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރުގެ މަސައްކަތްތަކެއް ކަމަށެވެ. މި މަސައްކަތްތަކަށް ބޭނުންވާ ފަންޑިންގ މިހާރު ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ހޯދުމަށް ހުރި ދަތިތަކުގެ ތެރޭގައި މިފްކޯ ފަދަ ބޮޑު ކުންފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ހިންގަން ޖެހުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުގެ އަމާޒަކީ މިފްކޯ ފައިދާގައި ހިންގޭ ކުންފުންޏަކަށް ބަދަލުކުރުން ކަމަށާއި، މަސްވެރި ސިނާޢަތަކީ ސަރުކާރުގެ ސަބްސިޑީއަށް ބަރޯސާވެފައިވާ ސިނާޢަތެއްގެ ބަދަލުގައި ބޭރުގެ އިންވެސްޓްމަންޓް ލިބޭ ސިނާޢަތަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ރޭވުންތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލުކުރުން ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބައެއް އަގު އެއްކުރި މަހުގެ ގޮތުގައި ބޭރުކުރުމަށް މަސައްކަތްކުރުމާއި، މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ 3 ގުނަ އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވުޒާރާއިން ހާމަކުރެއެވެ. މި ދައުރުގެ ތެރޭގައި އިތުރު 15،500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ ޖުމްލަ 25،000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެކެވެ.