ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން އޮޕަރޭޝަނަށް!

ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކޮށް، އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނި (އާރުއޭސީއެލް)އިން ބުނެފިއެވެ.

ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ.

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށް އާރުއޭސީއެލުން ބުންޏެވެ.

ކުންފުނީގެ މިހާރު މެނޭޖްމަންޓުން ހަވާލުވިއިރު ވެސް، ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ވެހިކަލްތަކެއް ކަމަށާއި، އާ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ފުނަދޫ އެއާޕޯޓުގެ ފަޔަ ޓްރަކް ހަލާކުވުމުން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފައިވެ އެވެ.

މިފަދަ މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކަށް ފަސެންޖަރުންގެ ކިބައިން އެ ކުންފުނިން ވަނީ މާފަށް އެދި، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.

އެއާޕޯޓު އޮޕަރޭޝަނަށް ގެނެޔަސް، ޝެޑިޔުލް ފްލައިޓުތައް އެ އެއާޕޯޓަށް އަދި ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް