ޔުއެފާ ނެޝަންސް ލީގު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޖަރުމަނު ބަލިކޮށް ޕޯޗުގަލް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މަޝްހޫރު އެލިއަންޒް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފްލޮރިއަން ވިޒްޓް އެވެ. މިއީ ޖަރުމަނުގެ ޖާޒީގައި 100 މެޗު ކުޅެމުންދިޔަ އެޓީމުގެ ކެޕްޓަން ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޖަރުމަނުގެ ލަނޑަށްފަހު ޕޯޗުގަލް އިން ވަނީ ބަދަލުތަކަކާއެކު އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ފްރެންސިސްކޯ ކޮންސީސޯ އެވެ.
ޕޯޗުގަލް މިމެޗުން މޮޅުވި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 937 ވަނަ ލަނޑެވެ. އަދި މިއީ ނެޝަންސް ލީގުގައި ޕޯޗުގަލް ޓީމަށް އެންމެ ފަހުން ކުޅުނު އަށް މެޗުގައި އުމުރުން 40 އަހަރުގެ ފޯވާޑް ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

މިއީ 2000 ވަނަ އަހަރުގެ ޔޫރޯގައި 3-0 ގެ ނަތީޖާއަކުން ޖަރުމަނު އަތުން މޮޅުވި ފަހުން ފާއިތުވެދިޔަ 25 އަހަރު ތެރޭގައި އެޓީމު އަތުން ޖެހިޖެހިގެން ފަސް މެޗުން ބަލިވުމަށްފަހު، ޕޯޗުގަލް މޮޅުވި ފުރަތަމަ މެޗެވެ.
މުބާރާތުގެ ފައިނަލުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޕޯޗުގަލް އިން ނުކުންނާނީ މިރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ސްޕެއިން އާއި ފްރާންސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.