ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔޫރޮޕާ ލީގު ޗެމްޕިއަންކަން ޓޮޓެންހަމުން ހޯދައިފި

ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލް މެޗުގައި މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޓޮޓެންހަމުން އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ސްޕެއިންގައި ކުޅުނު ފައިނަލް މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު އަދި މެޗުގެވެސް ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 42 ވަނަ މިނެޓްގަ އެވެ. މި މުހިންމު ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބެރެނަން ޖޯންސަންއެވެ.

މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން މަސައްކަތް ކުރިއިރު، ނުރައްކާތެރި ހަމަލާތަކެއް ވެސް ޓޮޓެންހަމްގެ ގޯލަށް އެޓީމުން ފޮނުވާލާފައިވެ އެވެ. އެގޮތުން ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެންޑަވެން ދިފާއުކުރިއިރު، ޝޯ އަދި ގަނާޗޯ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ވިކާރިއޯ އެވެ.

މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިން ޓޮޓެންހަމްގެ ބެރެނަން ޖޯންސަން

މިނަތީޖާއާއިއެކު ޓޮޓެންހަމްއަށް މިލިބުނު ކާމިޔާބަކީ ވަރަށްވެސް ތާރީޙީ ކާމިޔާބެކެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ޓޮޓެންހަމުން ހޯދި ފުރަތަމަ ތަށްޓެވެ. އިނގިރޭސި ޕްރިމިއާ ލީގު ދަށް ގޮތަކަށް ދިޔަ ނަމަވެސް، މި ތަށްޓާއެކު ޓޮޓެންހަމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިގެން ގޮސްފަ އެވެ.

އަދި މީގެއިތުރުން ގިނަ އަހަރުތަކެއްގައި އެކިއެކި މުބާރާތްތަކުގައި ވާދަވެރި ކުޅުމެއް ކުޅެމުން ދިޔަ ޓޮޓެންހަމަށް މި ލިބުނު ކާމިޔާބީއަށް އެޓީމުގެ ކުރީގެ ކެޕްޓަން އަދި ފޯވާޑް ހެރީ ކޭންވެސް ވަނީ މަރުޙަބާ ކިޔާފައެވެ. މިތައްޓަކީ އެޓީމުގެ މިހާރުގެ ކެޕްޓަން ސަން އަށްވެސް މުހިންމު ކާމިޔާބީއެކެވެ. މިއީ ދެކުނުކޮރެއާގެ ކުޅުންތެރިއަކު ކެޕްޓަނެއްގެ ހައިސިއްޔަތުން ބޮޑު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

ފައިނަލުން ޔުނައިޓެޑް ބަލިވިއިރު މިއީ މިފަހުގެ ތާރީހުގައި އެޓީމު އެންމެ ދަށްކޮށް ނިންމާލަން ޖެހުނު ސީޒަނެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި ޔުނައިޓެޑް އޮތްއިރު، މިއީ ޔުނައިޓެޑް މި ސީޒަނުގައި ބަލިވި 20 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑް މީގެކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން ބަލިވީ 74-1973 ވަނަ ސީޒަނުގަ އެވެ. އެ ސީޒަނުގައި އެޓީމު ވަނީ 22 މެޗުން ބަލިވެފަ އެވެ.

ޔުނައިޓެޑުން ސީޒަނުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. ޓޮޓެންހަމް ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.

ގުޅުންހުރި ލިޔުންތައް