ފުލުހުންގެ ޚިދުމަތުގެ ފަސް ރީޖަނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ‘’ޓެރަރިސްޓް އިންސިޑެންޓް ފަސްޓް ރެސްޕޮންސް އެވެއާނަސް” ޕްރޮގްރާމާއި ‘’ޓެރަރިސްޓް އިންސިޑެންޓް ކޮމާންޑު ރެސްޕޮންސް އެވެއާނަސް“ ޕްރޮގްރާމް ނޯތު ސެންޓްރަލް ޕޮލިހުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 12 އިން 15 އަށް އދ. މަހިބަދޫގައެވެ.
މި ޕްރޮގްރާމުގައި، ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް އަންނަ ހާލަތުގައި އެކަމަށް ހުޝިޔާރުވެ ތިބުމާއި ފާރަވެރިކަމާއެކު އެކަމަށް ރެސްޕޯންޑުކުރެވޭނެ ގާބިލުކަން ފުލުހުންގެ ކިބައިގައި އިތުރުކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ހާދިސާއެއް ކުރިމަތިވެއްޖެ ހާލަތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާ އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށާ އެންމެ ގާތުން އެކަމަށް އިޖާބަދޭ ފަސްޓް ރެސްޕޯންޑާޒް އަދި ސުޕަވައިޒަރީ ލެވެލްތަކުގެ ފުލުހުން އަމަލުކުރާނެ ގޮތްތަކާއި އެފަދަ ސީންތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ އިތުރުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކަށް ރެސްޕޯންޑުކުރުމުގެ ގާބިލުކަން، އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިގައި އިތުރުވެގެންދާނެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ޓެރަރިޒަމް އިންޓެލިޖެންސް އަދި އިނގިރޭސިވިލާތުގެ ސަރުކާރު ގުޅިގެން ހިންގަމުންދާ ”އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ“ ޕްރޮގްރާމްގެ ދަށުން، މުޅި ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.



