ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ. ޖަލްސާ ނުނިމެނީސް ފައިސާ ޖަމާކޮށްދީފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 80ރ. ބަހަން ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެކަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 129 މީހުންގެ ތެރެއިން 99 ޕަސެންޓު މީހުންގެ ވޯޓުންނެވެ.

މިދިޔަ އަހަރު ވެސް އެސްޓީއޯއިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 80ރ. ރުފިޔާ ބެހި އެވެ.

އެސްޓީއޯއިން 2024 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80ރ. ބަހަން ފާސް ކުރިއިރު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބުނީ 741 މިލިއަން ރުފިޔާ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޖަލްސާ ނިމުމުގެ ކުރިން ޙިއްސާދާރުންނަށް ވަނީ ފައިސާ ޖަމާކޮށްދީފައި | ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެއީ ހަތް ޕަސެންޓުގެ ދަށްވުމެކެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވީ ތެލުގެ އަގު މާކެޓުގައި ދަށްވުމުން ކަމަށެވެ.

އެސްޓީއޯގެ އެއް މިލިއަން ހިއްސާ ހިމެނޭ އިރު ހިއްސާދާރުންނަށް 90 މިލިއަން ރުފިޔާ ބެހުމަށް ރޭ ނިންމި އެވެ. އޭގެ ތެރެއިން އާންމު ހިއްސާދާރުންނަށް ބަހާނީ 17 މިލިއަން ރުފިޔާ އެވެ. ބާކީ 73 މިލިއަން ރުފިޔާ ވަންނާނީ ސަރުކާރަށެވެ.

ހިއްސާދާރުންނަށް ބަހަންޖެހޭ ފައިސާ ރޭގެ ޖަލްސާ ނިމުމުގެ ކުރިން ވަނީ އެކައުންޓްތަކަށް ޖަމާކޮށްދީފައެވެ.

ރޭގެ ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖެއްސި އެވެ. އަދި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 ޑޮލަރު (އެއް މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް