ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ބޭސް ފޯރުކޮށްދިނުމަށްޓަކާއި އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ އިއުލާން ކޮށްފިއެވެ.
އެސްޓީއޯ އިން މިހެން ބުނެފައިވަނި ރޭ ބޭއްވުނު އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ދެއްކެވި ވާހަކާގައެވެ.
އެގޮތުން ޝިމާދު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.
”ހުޅުމާލެ ހޮސްޕިޓަލަށްދާ ބަލި މީހުންނަށް ރަނގަޅު ފެންވަރެއްގެ ފާމަސީއެއްގެ ހިދުމަތް ދެވެން ނެތީމަ، އެކަމާ ގުޅިގެން އަންނަ ޝަކުވާތަކާ ގުޅިގެން ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި،“ އޭނާ ވިދާޅުވި އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ ”ސްމާޓް ސްޓޯ“ ހުޅުވީ ޖުލައި 2023 ގަ އެވެ. އެކަމަކު، ހުޅުމާލޭ 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވި ސްމާޓް ސްޓޯ އަށް ވިޔަފާރި ކުރުމަށް އެހާ ގިނަ ބަޔަކު ވަންނަ ތަނެއް އާންމުކޮށް ނުފެނެއެވެ.
ޝިމާދު ރޭ ވަނީ، ހުޅުމާލެ 1 ގެ އިތުރުން ހުޅުމާލެ 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ، އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދޭ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބޭސް ލިބުމުގައި މިހާރު ދިމާވާ މައްސަލަ ހައްލުކޮށް، ބޭސް ފަސޭހައިން ލިބޭނެ ގޮތްތައް ފަހި ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އެސްޓީއޯއަކީ ބޭސް ހޯދަން އަންނަ މީހުންނަށް ކޮލިޓީ ބޭސް ހުސްނުވެ ލިބެން ހުންނަ ތަނަކަށް ހެދުން،“ އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވިގޮތުގައި، ބޭސް ގެނައުމުގައި ދަތިތައް ހުރުމުން، ކަމާ ގުޅޭ ފަރާތްތަކާ އެކު ކުރި މަސައްކަތުން އެކަށީގެންވާ ހައްލެއް މިހާރު ވަނީ ހޯދައިފަ އެވެ. ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް ހޯދުމަށް ދާދި ފަހުން އެސްޓީއޯއިން ވަނީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ އެކު ހާއްސަ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. ބޭސް ލިބުމުގައި މިހާރު ދިމާވާ ދަތިތައް އޭގެ ސަބަބުން ހައްލު ވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.