އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އަހަރެމެންގެ ހުރިހާ ކަމެއްގައިވެސް ރަސޫލާ ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ނަމޫނާއަކަށް ބަލަންޖެހޭ: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމެވެ.

މިގޮތުން މިއަދުގެ ޚުޠުބާ ފަށަމުން އިންސާނުން ދުނިޔޭގައި އުޅުމަށް މާތްﷲ ޚިޔާރުކުރައްވާފައިވާ މަގަކީ އިސްލާމް ދީންކަމުގައި ވީހިނދު، އެކަލާނގެ ޙަޟުރަތުން މީސްތަކުންނާއި ހަމައަށް މި ދީން އައިސްފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ މެދުވެރި ކުރައްވަވައި ކަމަށް ވަނީ ބުނެފައެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި އިސްލާމް ދީން އެކުލެވިގެން ވަނީ މައިގަނޑު ދެ މަސްދަރަށް ކަމަށާއި، އެއީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ އަގުމާތްވި ސުންނަތްކަން ވަނީ އަލިއަޅުވާލާފައެވެ.

އެހެންކަމުން މާތްﷲ އަށް ކިޔަމަން ވުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދގެން ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަންވުމަށް، ކީރިތި ޤުރުއާނުގައި އެކަލާނގެ އަމުރުކުރައްވާފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަން ނުވުމުން މުއުމިނުންކުރާ ހެޔޮ ޢަމަލުތައް ބާޠިލްވާނެކަންވެސް ވަނީ މިއަދުގެ ޚުޠުބާގައި ބުނެފައެވެ. މިގޮތުން މިކަމަށް ބާރުއަޅައި ކީރިތި ޤުރުއާނުގައިވާ އާޔަތްތަކަށްވެސް ވަނީ އަލިއަޅުފާލާފައެވެ.

ޝައްކެއްނެތް ގޮތުގައި މާތްﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އަހަރެމެންނަށް ސީދާ މަގު ދެއްކެވުމަށްކަމަށާއި، އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން ކަށަވަރުވާކަމަވެސް ވަނީ ބުނެފައެވެ. އަދި ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭނެ ކަމަށާއި ﷲގެ ކަލާމުފުޅު އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ކައުއިތުރު ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ ދޫފުޅުމަތީން ކަމުގައިވެސް ވަނީ މިއަދު ޚުޠުބާގައި ހަނދާންކޮށްދީފައެވެ. އެހެންކަމުން އެކަލޭގެފާނަށް އީމާންނުވާ މީހާ ހަޤީގަތުގައިވެސް ޤުރުއާނަށް އީމާންވީ ކަމުގައި ނުވާނެކަން ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި މުސްލިމުން ޢަމަލުކުރަންޖެހޭ ހުރިހައި ކަމެއް، ކީރިތިވަންތަ ﷲ ވަނީ ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. އެހެންކަމުން ޤުރުއާން ފިޔަވައި އެހެން މަސްދަރަކަށް ބަލާކަށް ނުޖެހެއެވެ. ނަމަވެސް ހަޤީގަތުގައި މިއީ ވަރަށް ގޯސް ވިސްނުމެއް ކަމަށާއި އެހެނީ އިސްލާމީ ޝަރީޢަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫޢަވުމަކާއި ނުލައި، ހަމައެކަނި ޤުރުއާނުގެ ދަލީލުން ނަގައިގެން ޢަމަލުކުރުމަކީ މުސްތަހީލުކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ނަމާދަކީ ދީނުގެ އެއްތަނބުކަމަށާއި ނަމަވެސް ނަމާދު ނަމާދު އަދާކުރަންވީ ގޮތާއި އަޖދި ފަރުޟު ކުރެވުނީ ކިތައްނަމާދުކަންވެސް އައިސްފައިވަނީ ރަސޫލާގެ ސުންނަތުންކަން ވަނީ ފާހަގަކޮށްފައެވެ.

ތަފާތު ގިނަގުނަ ދަލީލުތަކުން އެނގޭ ގޮތުގައި ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރެއްކަން ކަށަވަރުވާކަމަށާއި އެހެންކަމުން ސުންނަތާއި ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނެކަން އަހަރެމެން ދަންނަން ޖެހޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި އިސްލާމް ދީނުގެ ފުރަތަމަ މަސްދަރުކަމުގައި ކީރިތި ޤުރުއާން ވީފަދައިން، ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ސުންނަތަކީ އެޝަރީޢަތުގެ ދެވަނަ މަސްދަރުކަން ކަށަވަރުވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ކީރިތި ޤުރުއާނާއި ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގެ މެދުގައިވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާއި ދެމެދުވާ ގުޅުމެއްކަން ބަޔާންކުރަމުން، އެއްކަލިމަ އަނެއް ކަލިމައާއި ވަކި ނުކުރެވޭނެ ފަދައިން މި ދެމަސްދަރު ވަކިނުކުރެވޭނެ ކަމަށް ވަނީ އަހަރަމެންނަށް ހަނދާންކޮށްދީފައެވެ.

އެހެންނަމަވެސް ފަހުޒަމާނުގައި ސުންނަތް ދޫކޮށްލައި ހަމައެކަނި ކީރިތި ޤުރުއާނަށް ތަބާވުމަށް ވަކާލާތު ކުރާނެ ބަޔަކު އަންނާނެކަމުގެ ޚަބަރު ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ވަނީ ދެއްވާފައެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއީ އެއްވެސް ބުރަދަނެއްހުރި ހުއްޖަތެއް ނޫންކަމަށާއި އަދި މިފަދަ މީހުންނާއިމެދު ރައްކާތެރިވެ ތިބުމަށްވެސް އެކަލޭގެފާނު ވަނީ އިރުޝާދުދެއްވާފައެވެ. އެހެނީ ކީރިތި ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއްކަންވެސް ވަނީ ހަނދާންކޮށްދީފައެވެ.

އަހަރެމެން އެންމެންނީ ކީރިތި ޤުރުއާނަށާއި ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ފުރިހަމައަށް ތަބާވާ ބަޔަކުކަމުގައި ލައްވާށި. އާމީން!

ގުޅުންހުރި ލިޔުންތައް