އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށެވެ.
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށްކަމަށެވެ. އަދި ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއްދޭކަން އަދުގެ ސަރުކާރުންވަނީ ހާމަކުރައްވާ މުޙިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިކަން ދޭން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން އާއިލާތަކުގެ ހާލަތު ބެލުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ”ހާލު ކިހިނެއް؟“ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ. 5 އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމްއިން ލިބޭ މަޢުލޫމާތުގެ އަލީގައި އެކި އާއިލާތަކަށް އެހީތެރިކަން އަންނަނީ ފޯރުކޮށްދެއްވަމުންނެވެ.
ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާޢިލާތަކުގެ ދުވަހުގެ ގޮތުގައެވެ.



