ރ. ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އަޅަން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މިފެސިލިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ގެނެސް 4 ބަޔަކަށް ބަހާނެއެވެ.
އެގޮތުން ލިތިއަމް ބެޓެރީ، އަލިފާން ނިއްވާ ފުޅި، ޓޮކްސިކް ކުންޏާއި ޕްރެޝަރ ވެސެލްސް ހިމެނެއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ މާރޗް މަހު ނިންމާ ގޮތަށެވެ.
މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު މިނިސްޓަރު ޙައްސާން މުޙައްމަދެވެ. ވީ އަވަރ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރ ޝަދީން އިބްރާހިމެވެ.
މި ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއެކުއެވެ. މި މަޝްރޫޢަށް 18.5 މިލިޔަން ރުފިޔާ ޚަރަދުކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން ރ. ވަންދުގައި ޤާއިމުކުރާ ސެންޓަރުގައި އޮފީސް ބަޔަކާއި ކުނި ރައްކާކުރާ ބައެއް އަދި ރިސައިކަލްކުރަން ޚާއްސަ ބައެއް ތަރައްޤީކުރާނެ އެވެ.