ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ޤާއިމުކުރަނީ ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ޤާއިމުކުރަނީ ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށްކަމަށް މި މަޝްރޫޢު ކުރިއަށްގެންދާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހާމަކޮށްފިއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހާމަކުރާ ގޮތުގައި މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

ރަނާއުލޯ އޭނާގެ ހުރިހާ މަޝްރޫޢުތަކެއްގައިވެސް ތިމާވެއްޓާ ރައްޓެހި އުސޫލުތައް ހިމަނައެވެ. މި ތަރައްޤީގެ މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށްވެސް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ލަފާކުރެވެއެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އުފެއްދުމަށް ނިންމައި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ ސަރަޙައްދެކެވެ.

މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ފިންޓެކް ދާއިރާގެ އައު އީޖާދުތައް ހޯދާ ފަރާތްތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ އިސް ވިޔަފާރި އަދި މާލީ މަރުކަޒުގެ ގޮތުގައި މާލެ ޤާއިމުކުރެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް