ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގައި ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް ހިންގާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނެފިއެވެ.

ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނީ ބޭރުފައިސާ މާރުކުރުމަށް މުޢާމަލާތްކުރާ މެސެޖިންގ އެޕްތަކުގެ (ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް) ގްރޫޕްތަކުގައި ސްކޭމަރުން ތިބޭނެތީ، މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް ދާދި ފަހުންވެސް އެދިފައެވެ.

އަދި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ފާހަގަކޮށްފައެވެ.

ތިމާއަށް ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެދިފައެވެ. އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްވެސްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

އެގޮތުން އެ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ހިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް