ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ރަށުން ބޭރުގައި އާސެނަލް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް

ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެއެވެ.

އާސެނަލްގެ އެމިރޭޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އުސްމާން ޑެމްބެލޭ އެވެ. މިއީ މިމުބާރާތުގައި އެންމެ ފަހުން ކުޅުނު 13 މެޗުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މެޗަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އާސެނަލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ލަނޑެއްވެސް ކާމިޔާބުކުރި އެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން ފަހުހާފުގެ 56 ވަނަ މިނެޓުގައި އާސެނަލްގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ބޯޅައާއެކު ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށް އޭނާ ފޮނުވާލި ބާރު ހަމަލާ ޕީއެސްޖީގެ ކީޕަރު ޑޮނަރޫމާ ވަނީ ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މިހާފުގައި ޕީއެސްޖީ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޮސް އަށެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ހަތްވަނަ ދުވަހުގެ ރޭ 00:00 ގައެވެ. ޕީއެސްޖީގެ ދަނޑުގައި އާސެނަލްއަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަވާނެއެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕީއެސްޖީ އިން ފައިނަލްގެ ޖާގަ ކާމިޔާބުކުރުމަށް މިވަނީ ވަރަށް ބޮޑުތަން ފަސޭހަވެފައެވެ.

މުބާރާތުގެ ސެމީފައިނަލުން އާސެނަލް ޖާގަހޯދީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޕީއެސްޖީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 4-5 ގެ އެގްރިގޭޓް ނަތީޖާއަކުން އެސްޓަން ވިލާ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

ގުޅުންހުރި ލިޔުންތައް