ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް އަރުވައިފިއެވެ. މިއީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުޢައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް އެރުވި ފުރަތަމަ ފަހަރެވެ.
މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައި ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް މި ޝަރަފު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތް ފުރަތަމަ ދިވެހި ދަރިވަރެވެ. އެ ޔުނިވަރސިޓީގައި އެމަނިކުފާނު ކިޔަވާ ވިދާޅުވެފައިވަނީ ކުއްލިއަތުއް ދަޢުވާ ވަލް އުސޫލުއްދީންގައެވެ. އަދި ހަމަ އެއަހަރު ޓީޗިން މެތަޑޮލޮޖީއިން އެ ޔުނިވަރސިޓީން އިތުރު ކޯހެއްވެސް ފުރިހަމަ ކުރައްވާފައިވެއެވެ.
ޝެއިޚްގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވުން ހިމެނެއެވެ. މީގެތެރޭގައި ރާއްޖޭގައި މިވަގުތު މަސައްކަތް ކުރައްވަމުންގެންދަވާ ދީނީ ގިނަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ޝެއިޚް އިސްމާޢީލް މުޙައްމަދު މިހާތަނަށް 40 ފޮތް ޝާއިޢުކުރައްވާފައިވެއެވެ. އަދި މިހާރުވެސް އެމަނިކުފާނު ގެންދަވަނީ މަދީނާގެ ފަޙުދު ރަސްގެފާނު މުޞްޙަފް ޗާޕުޚާނާއިން ޝާއިޢުކޮށްފައިވާ ”އައް ތަފްސީރު މުޔައްސަރު“ ގެ ދިވެހި ތަރުޖަމާ ލިޔުއްވަމުންނެވެ. މި މަސައްކަތުގެ 22 ފޮތެއްގެ މުރާޖަޢާ ނިންމަވައި، ދެބައިކުޅަ އެއްބައި ފޮތް ޗާޕުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ދެއްވާފައެވެ.



