ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ވަރުގަދަ ރިއަލް މެޑްރިޑް ސައިޒުކޮށް، އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ޖާގަ ފަސޭހަކަމާއިއެކު ހޯދައިފި

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް 2-1 ގެ ނަތީޖާއަކުން ބަލިކޮށް އާސެނަލް އިން މިފަހަރުގެ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިދެޓީމުގެ މެޗުގައި ކުޅެވުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 3-0 ގެ ނަތީޖާއަކުން އާސެނަލް އިން ވަނީ ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ރޭގެ މޮޅާއިއެކު އެޓީމު ސެމީފައިނަލުން ޖާގަ ހޯދީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ރިއަލް މެޑްރިޑަށް ވަނީ އާސެނަލްގެ ގޯލަށް ބޯޅައެއް އަމާޒުކުރެވޭގޮތް ނުވެފައެވެ. އެހެންނަމަވެސް އާސެނަލުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޒުވާން އެޓީމުގެ ޑިފެންޑަރު ރައުލް އަސެންސިޢޯ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އާސެނަލްއަށް ޕެނަލްޓީއެއް ދީފައެވެ.

ނަމަވެސް އެޓީމުގެ ތަރި ބަކަޔޯ ސަކާ ކުރިއަށް ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓީބޯ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ 10 މިނެޓު ފަހުން އާސެނަލްގެ ރައިސް އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލުކުރިކަމަށް ނިންމައިރެފްރީ ރެއާލް މެޑްރިޑަށް ވެސް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ވީއޭއާރުން ރިވިއުކުރުމަށްފަހު ފަހުން ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ.

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ރެއާލް މެޑްރިޑުން ވަރުގަދަކޮށް ފެށި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަކާއެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ވިނީޝިއަސް ވަނީ އާސެނަލްގެ ސަލިބާއަށް ހެދުނު ގޯހަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އާސެނަލް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް މާޓިނޭލީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އެހެންކަމުން މުބާރާތުގެ ސެމީފައިނަލުގައި އާސެނަލް ވާދަކުރަންޖެހޭނީ ޕީއެސްޖީ އާއެވެ. އަދި މިއީ 2009 ވަނަ އަހަރަށް ފަހު ޗެންޕިއަންސް ލީގުގެ ސެމީފައިނަލުން އާސެނަލް ޖާގަހޯދި ފުރަތަމަ ފަހަރެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި ދެޓީމުގެ މެކޖދުގައި ކުޅުނު ފުރަތަމަ ލެގުގައިވެސް މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި އާސެނަލްގެ ޑެކްލަން ރައިސްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އޭނާގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވަނީ ހަމައެކަނި މެޗުން މޮޅުވީމައި ނޫންކަމަށާއި އެހެންނަމަވެސް އެ ކުޅުންތެރިން މެޗު ގެންގުޅުނު މޮޅު ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން ރައިސްގެ މޮޅުކުޅުން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ މެޗުގައި ރައިސް ދައްކާފައިވާ މޮޅު ކުޅުން އާޓެޓާ ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް