ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޕީއެސްޖީ އަދި އެސްޓަން ވިލާ ބައްދަލުކުރި މެޗުގައި، ޕީއެސްޖީ 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް އެޓީމުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި ދެޓީމުގެ މެކދުގައި މިދިޔަ ހަފްތާގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން ރޭގެ މެޗުން ބަލިވިނަމަވެސް 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެސްޓަން ވިލާގެ މައްޗަށް ޕީއެސްޖީ ވަނީ ކުރިހޯދާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. އަދި އޭގެ 16 މިނެޓުފަހުން ޑިފެންޑަރު ނޫނޯ މެންޑޭސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އެސްޓަން ވިލާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޔޫރީ ޓިލަމަންސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި އެޓިމުން ވަނި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޯން މެގިން އެވެ. އަދި އޭގެ ދެ މިނެޓުފަހުން އެޓީމުގެ ޑިފެންޑަރު އެޒްރީ ކޮންސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޕީއެސްޖީގެ އޮސްމާނީ ދެންބެލޭއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެސްޓަން ވިލާގެ މެނޭޖަރު، އުނާއީ އެމެރީ ބުނެފައިވަނީ އެޓީމު ދެއްކި ހިތްވަރާއިމެދު ފަހުރުވެރިވާކަމަށާއި މި ފެންވަރަށް އާދެވުމަކީ އޭނާ އެސްޓަން ވިލާއާއެކު ވާސިލުވާން ބޭނުންވާ ފެންވަރަށް ދިއުމަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ. އަދި ފުރަތަމަ ލެގުގެ މެޗަށްވުރެ މި މެޗުގައި ކުޅުން ރަނގަޅު ކަމަށާއި، އެހެންނަމަވެސް އެއީ އެކަށީގެންވާ ވަރެއް ނޫންކަމަށެވެ.
ޕީއެސްޖީގެ މެނޭޖަރު ލުއިސް އެންރީކެ ބުނިގޮތުގައި އެމީހުން މިމެޗު ދިގު މުއްދަތަކަށް ހަނދާނެއް ނުނެތޭނެއެވެ. މި މުބާރާތަކީ ވަރަށް ރަނގަޅު މުބާރާތެއް ކަމާއި އަބަދުވެސް ރަށުން ބޭރުގައި ކުޅުމަކީ އުނދަގޫ ކަމެއްކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މެޝު ފަށައިގެން ދެ ގޯލުގެ ލީޑެއް ލިބުނު ނަމަވެސް، އޭގެ ފަހުން ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ބައިކޮޅަށް އިތުރު ގޯލުތަކެއް ވަނީއެވެ.