ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ބޮރޫޝިއާ ޑޯޓްމަންޓް އަތުން ބަލިވިނަމަވެސް ބާސެލޯނާ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ސްޕެއިންގެ ބާސެލޯނާ އަތުން މޮޅުވި ނަމަވެސް، އެންމެ ފަހުގެ ރަނަރަޕް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓަށް ސެމީފައިނަލްގެ ޖާގައެއް ނުލިބި މުބާރާތާ އަލްވަދާއުކިޔަން ޖެހިއްޖެއެވެ.

މެ ދެޓީމުގެ މެދުގައި ކުޅެވުނު ކުޅެވުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ސެމީފައިނަލުން ޖާގަ ހޯދީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޑޯޓްމަންޑްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ސެރްހޫ ގުރާސީ އެވެ.

ރޭގެ މެޗުގައި ގުރާސީ ވަނީ ހެޓްރިކެއް ކާމިޔާބުކޮށްދީފައި

މީގެ އިތުރުން ވެސް މިހާފުގައި ޑޯޓްމަންޑުން ވަނީ ބާސެލޯނާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މިހާފުގައި ޑޯޓްމަންޑްގެ ގޯލާއި އަމާޒުކޮށް ބާސެލޯނާއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޑޯޓްމަންޑް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ގުރާސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑަކީ ޑޯޓްމަންޑްގެ އަލްޖީރިއާ ޑިފެންޑަރު ރަމީ ބެންސެބައިނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ޑޯޓްމަންޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ގުރާސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

މީގެ އިތުރުން މިއީ މިއަހަރު ފެށުނު ފަހުން ވާދަވެރި މެޗެއްގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި ޗެންޕިއަންސް ލީގު ސެމީފައިނަލުން ބާސެލޯނާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް