ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ ބަނޑަށް ޖެހުނު ކަމުގައި ވިޔަސް މިއަދުގެ ސަރުކާރުން އެކަމަށް ނުބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާ ފަލާހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގަ އެވެ.
އެމްޑީޕީން މި ބިލު ހުށަހެޅީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން ކަމަށާއި، މި ބިލު ހުށަހެޅީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެކަމާމެދު ގޮތެއް ނިންމަން ނުކެރޭނެ ކަމަށް ހީކޮށްގެން ކަމަށް ފަލާހް ވިދާޅުވެފައިވެއެވެ.
”އެމްޑީޕީން މި މައްސަލަ ހުށަހެޅީކީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އެ ހުށަހެޅުއްވި މެންބަރު ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ، އަޅުގަނޑުމެންނެއް މިކަމެއް ނުކުރާނޭ، ކޮށްފިކަމަށް ވަންޏާ އަޅުގަނޑުމެންގެ މި ގައުމުގެ އިގްތިސޯދު ފުނޑުފުނޑު ވާނޭ، މި ގައުމު ބަނޑަށް ޖެހޭނޭ، އެހެންވީމާ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ދެވޭނޭ. މީ އެމްޑީޕީގެ ނިޔަތް.“ ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ނިޔަތަކީ މި ފިޔަވަޅު އެޅުމުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ގެއްލުމުގެ ވާހަކަ ދައްކައި، ސިޔާސީ ގޮތުން ފައިދާ ނެގުން ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތްތާގައިވެސް ޤައުމުގެ އިޖުތިމާޢީ މައްސަލަތަކަށް އަމާޒުކޮށް މިއަދުގެ ސަރުކާރާއި 20 ވަނަ މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



