ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެންޕިއަންސް ލީގުގަ ރޭގައި ކުޅެވުނު މެޗުތަކުން މޮޅުވެ ބާސެލޯނާއާއި ޕީއެސްޖީ ސެމީފައިނަލާއި ގާތަށް ޖެހިލައިފި

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާއާއި ޕީއެސްޖީ ކުޅުނު މެޗުތަކުން މޮޅުވެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ބާސެލޯނާއިން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބާސެލޯނާ އިން ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ. އަދި ޕީއެސްޖީވެސް އެމީހުންގެ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން ވަނީ މޮޅުވެފައެވެ.

ބާސެލޯނާއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްގައެވެ.

އެގޮތުން މިމެޗުގައި އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ ދެލަނޑު ކާމިޔާބުކުރިއިރު، ބްރެޒިލްގެ ފޯވާޑް ރަފީނިއާ އަދި ޒުވާން ފޯވާޑް ލަމީން ޔަމާލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ފޯވާޑް ލެވޮންޑަސްކީ އެވެ.

މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަހޯދީ ދެވަނަ ބުރުގައި ޕޯޗުގަލްގެ ބެންފީކާ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޑޯޓްމަންޑް ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ފްރާންސްގެ ލިލް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރު މުބާރާތުގެ ލީގުބުރުގައި ޑޯޓްމަންޑްގެ ދަނޑުގައި މިދެޓީމު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތިޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

ރޭގައި ކުޅެވުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އާއި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ލިވާ ބައްދަލުކުރި މެޗެވެ.

ޕީއެސްޖީ ރޭގެ މެޗުގައި ކުރި ހޯދީ ފަހަތުން އަރައި

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެސްޓަން ވިލާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މޯގަން ރޮޖާސް އެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޕީއެސްޖީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑިޒަޔާ ޑޫއޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުން ފުރަތަމަ ފަހަރަށް ލީޑިހޯދި ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޚަވިޗާ ކަވަރަސްޚެލިއާ އެވެ.

ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނޫނޯ މެންޑެސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްޖީގެ ޖޯޖިއާ ފޯވާޑް ކަވަރަސްޚެލިއާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ދެވަނަ ބުރުގައި 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި އެސްޓަން ވިލާ ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި 6-1 ގެ ނަތީޖާއަކުން ކުލަބު ބުރޫޖް ބަލިކުރުމަށްފަހު އެވެ. އަދި މިއީ ވާދަވެރި މެޗެއްގައި މިދެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ރޭގައި ކުޅެވުނު މެޗުތަކުގެ ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ.

ގުޅުންހުރި ލިޔުންތައް