ރާއްޖޭގައި މެރިން މިއުޒިއަމެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމައި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ޗައިނާގެ ނެޝަނަލް މެރިން މިއުޒިއަމްގެ މަންދޫބުންނާއި، ޝަންހާއީ ޔުނިވަރސިޓީ އަދި ވުހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާއި ބެހޭ ގޮތުންނެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމާއި، ދިވެހިރާއްޖެ އާއި ޗައިނާގައި ކަނޑުގެ ސަޤާފަތާ ގުޅޭ މައުރަޒުތައް ބޭއްވުން ހިމެނެއެވެ.
ވަޒީރު ޝިޔާމް ވަނީ މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރައްވާފައެވެ. އަދި މި މުހިންމު މަސައްކަތުގެ ތެރެއިން އުފެދިފައިވާ ގުޅުންތަކާ މެދު އުފާވެ ވަޑައިގަންނަވާ ކަމުގައި ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އަދި މި މުހިންމު މަސައްކަތުގެ ތެރެއިން ދެގައުމުގެ މެދުގައި އުފެދިފައިވާ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައެވެ.



