ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު ފުރާ ކަނޑައެޅުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވާލައިފިއެވެ.
މިގޮތަށް ހުޅުވާލެއްވީ މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، 3 ގޮތަކަށް ދުންފަތް ހުއްޓުވުމަށް ހުށަހެޅުއްވުމަށް ވިސްނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަޑައެޅުން މުހިންމުކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ޖީލު، ދުންފަތުން ސަލާމަތް ކުރުމަށް ޤާނޫނެއް ހެދުމަށް ނިންމަވާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން ނުވަތަ 2004 ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާގޮތަށް ކަމަށެވެ.
މިގޮތުން އާއްމުންގެ ޙިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ އެންމެ ރަނގަޅު އުމުރު ފުރާއެއް ހޯދުމަށެވެ. 2000 ވަނަ އަހަރުން ފެށިގެން ނަމަ އެއީ 25 އަހަރުން ދަށުގެ އުމުރު ފުރާއެވެ، 2004 ވަނަ އަހަރުން ފެށިގެން ނަމަ އެއީ 21 އަހަރުން ދަށުގެ އުމުރު ފުރާއެވެ. އަދި 2007ވަނަ އަހަރު ފެށިގެން ނަމަ އެއީ 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ.
މި މައްސަލަ ހައްލުކުރުމަށް ”ޖެނެރޭޝަން ބޭން“ އެއް މުހިންމު ކަމަށާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ސިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުހަނު ބޭނުންފުޅުވާ ކަމެކެވެ. ދިވެހި ޅަދަރިން ދުންފަތުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



