ކުށުގެ މާޙައުލަށް ހުށަހެޅިފައިވާ ޒުވާނުން އަލުން މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ހަދާ “ހޯޕް އައިލެންޑް” ގިރާވަރު ފަޅަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ސިއްދީޤު ވިދާޅުވީ، “ހޯޕް އައިލެންޑް” ދ. ވާނީގައި ތަރައްޤީކުރުމަށްޓަކައި ކުރެހުންތަކާއި ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް، އެރަށުގައި އެތަން ތަރައްޤީކޮށްފިނަމަ ޚަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، “ހޯޕް އައިލެންޑް” މާލެއާ ކައިރި ރަށަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މާލެ ކައިރީގައިވާ ގިރާވަރު ފަޅު ހިއްކައިގެން “ހޯޕް އައިލެންޑް” އެތަނަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށް ސިއްދީޤު ހާމަކުރެއްވިއެވެ.
ސިއްދީޤު އިތުރަށް ވިދާޅުވީ، މި މަރުކަޒު ޤާއިމުކުރުމާއެކު ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ. މި މަރުކަޒު ތަރައްޤީކުރާނީ 700 އެއްހާ މީހުންގެ ޖާގައަށް ޚާއްޞަކޮށްގެން ކަމަށާއި، އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރުން ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަސީލަތްތައް ހުންނާނެ ކަމަށް ސިއްދީޤު އިތުރަށް ވިދާޅުވިއެވެ.



