ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ރޭގައި ކުރިއަށް ގެންގޮސްފިއެވެ.
މީރުމާ ހޮޓަލުގައި ރޭގައި ބޭއްވުނު މިކޮންގްރެސް އަކީ ސުލޫކު ކޮމިޓީ އާއި، ފިޔަވަޅު އަޅާ ކޮމިޓީ އާއި، އިސްތިއުނާފު ކޮމިޓީ އެކުލަވާލުމާއި، ފާއިތުވި ދެ އަހަރުގެ އެފްއޭއެމްގެ އޮޑިޓެއް ކުރުމަށް މިނިވަން އޮޑިޓް ފާމެއް ކަނޑައެޅުމަށް އެޖެންޑާގައި ހިމަނައިގެން ކުރިޔަށް ގެންދިޔަ ކޮންގެރެސްއެކެވެ.
ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބަކުން މިރޭގެ ކޮންގްރެސް ބޮއިކޮޓްކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ހާޒިރުވެފައެވެ. ކޮންމެ ކުލަބަކަށް ދެ ވޯޓު ދެވޭ ގޮތަށް ހަމަޖެހިފައި އޮންނައިރު ބޮއިކޮޓް ކުރި ކުލަބުތަކަކީ ކުލަބު ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޑެޓް ވިކްޓަރީ (ޔޫވީ) އަދި ކުލަބު އީގަލްސްއެވެ.

ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކަކީ ދެ ފަހަރެއްގެ މަތިން ކޮންގްރެސް ބާއްވަން އުޅުމުން އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވި އަޙްމަދު ތޯރިގް (ޓޮމް) އަށް ތާއިދުކުރި ކުލަބުތަކެވެ. އަދި ބޮއިކޮޓް ކުރި ކުލަބުތަކުން ތާއީދުކުރަނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކަމަށް މައުލޫމާތު ލިބެއެވެ. ބައްސާމުގެ ދައުރުގައި ރާއްޖޭގެ ފުޓުބޯޅަ ވަނީ ފަހުގެ ތާރީޙެއްގައި ދުވަހަކުވެސް ނުވެއްޓޭފަދަ އަނދަވަޅަކަށް ވައްޓައި، އެސޯސިއޭޝަން ތެރޭގައި ކަރަޕްޝަންގެ އެތައް އަމަލުތަކެއް ހިންގާފައެވެ.
އެފްއޭއެމް އިން ބުނީ ކުދިކުދި މައްސަލަތަކައް ކުރިމަތިވި ނަމަވެސް އެކަން ފީފާ އާއި އޭއެފްސީގެ ވަފުދުން ހައްލުކޮށްދެއްވައި، ކޮންގްރެސް ކުރިއަށް ގެންދެވުނު ކަމަށެވެ.
އެފްއޭއެމް އިން މައުލޫމާތު ދިން ގޮތުގައި މި ކޮންގްރެސްގައި ޑިސިޕްލިން ކޮމިޓީ އާއި އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެފްއޭއެމްގެ ފާއިތުވި ދެ އަހަރުގެ މުއާމަލާތްތައް އޮޑިޓުކުރުމަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ އޮޑިޓް ފާމަކީ ”ޕްރުޓަންޑް ޗާޓެޑް އެލްއެލްޕީ“ ކަމަށްވެސް އެސޯސިއޭޝަނުން ބުނިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފީފާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި ކޮންގްރެސްގައި ކޯރަމްގެ މައްސަލަ ދިމާވިނަމަވެސް ވަޒީރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާ ކޮންގްރެސް ފެށިއެވެ. އަދި ކޯރަމްގެ މައްސަލަ ހައްލުކުރުމަށް މެދުކަނޑާލައި، ދެވަނަ ފަހަރަށްވެސް ކޮންގްރެސް ކުރިއަށް ގެންދެވޭތޯ ފީފާއިން އައްޔަނުކޮށްފައިވާ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ކުރިއެވެ.