- Advertisement -spot_img

ސްޕެނިޝް ލަލީގާ: އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ލަދުގަންނަވާލައިފި

ކީލިއަން އެމްބާޕޭގެ ލަނޑުތަކުން ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި 2-1 އިން ވާދަވެރި ބާސެލޯނާ ބަލިކޮށްފިއެވެ.

މި މެޗުގެ ކުރިން މި ފަހަރުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވަނީ ފުރަތަމަ ނުވަ މެޗުން މޮޅުވެފައެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބަލިވި ފަހުން، ބާސެލޯނާ މި ވަނީ ސްޕެނިޝް ލީގުގައި ރެއާލް އަތުން ބަލިވެފައެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 10 މެޗުން 27 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 10 މެޗުން 25 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ރެއާލަށް 10 މެޗުން 24 ޕޮއިންޓް ވަނީ ލިބިފައެވެ.

ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރެއާލުން ދިޔައީ މެޗު ފެށިގެން އެމްބާޕޭ އަށް ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ. އެ ގޮތުން، އާޑާ ގުލާ ނަގައިދިން ބޯޅައަކުން އެމްބާޕޭ ފޮނުވާލި އެކްރަބެޓިކް ކިކް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަނެއްކޮޅުން، ބާސެލޯނާ އަށް ލީޑުނަގައިދޭން ރަފީނިއާ ޖެހި ދެ ޝޮޓެއް ދިޔައީ ގޯލާ ސީދާނުވެއެވެ. އަދި، އެންތަނީ ގޯޑަންގެ ޝޮޓެއް ރެއާލްގެ ގޯލުގައި ހުރި އަންޑްރީ ލުނިން ވަނީ މަތަކޮށްފައެވެ.

ރެއާލުން 43 ވަނަ މިނިޓްގައި ލީޑުނެގީ އެމްބާޕޭ ޖެހި ލަނޑުންނެވެ. ރެއާލްގެ ޔަން ޑިއޮމަންޑޭ ނެގި ހުރަހެއް ދިފާއުކުރަން ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް މާޓިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެމްބާޕޭ ފައިގައި ޖެހިފައެވެ.

ލީޑުގައި އޮވެގެން ރެއާލުން ފުރަތަމަ ހާފު ނިންމާލިއިރު، ބާސެލޯނާ އިން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގައި އެއް ގަޑިއިރު ކުޅެވުނުތަނާހެންނެވެ. އެ ގޮތުން، 61 ވަނަ މިނިޓްގައި ޕެޑްރީ ދިން ބޯޅައަކުން އޭރިއާތެރެއިން ރަފީނިއާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ކޯނަރަކުން ޖެރާޑް މާޓީން، ބާސެލޯނާ އަށް ލީޑުނަގައިދޭން ބޮލުން ފޮނުވާލި ބޯޅަ ރެއާލް ކީޕަރު ލުނިން ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފައެވެ.

ރެއާލުން މެޗު ކާމިޔާބުކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ހުއްޓައެވެ. ބަދަލަކަށް ކުޅެން އެރި އެޑުއާޑޯ ކަމަވިންގާ، ބާސެލޯނާގެ އޭރިއާތެރެއިން ޕައު ކުބަރްސީ ކައިރިން ދެމިގަތުމަށް ފަހު، އެމްބާޕޭ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފައެވެ. މިއީ، އެލް ކްލަސިކޯ މެޗުތަކުގައި ކުޅުނު ހަތް މެޗުން އެމްބާޕޭގެ އަށް ވަނަ ގޯލެވެ.

މި ނަތީޖާއާ އެކު، މި ފަހަރު ރެއާލް ކޯޗަކަށް އަލުން އައި ހޯސޭ މޮރީނިއޯ މި ވަނީ، ކްލަސިކޯގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިނުވެ ރެކޯޑެއް ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވިއިރު، ޖުމްލަ އެކު ހަތަރު މެޗުން. މޮޅުވެ، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް