ރަންވޭގައި ކުރަންޖެހޭ މުހިންމު މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ރ. އިފުރު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި، މި އެއާޕޯޓު ބަންދުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގަ އެވެ. މި މަސައްކަތްތައް ނިންމައި، އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި ދަތުރުތައް އާންމު ހާލަތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ ފަތިހު 5:00 ގަ އެވެ.
މި މުއްދަތުގެ ތެރޭގައި ދަތުރުތައް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެދާނެ ދަތިތަކަށް މޯލްޑިވިއަންއިން ވަނީ މައާފަށް އެދިފަ އެވެ. އަދި މި ވަގުތުތަކުގައި ދަތުރުކުރުމަށް މީގެ ކުރިން ޓިކެޓު ނަގާފައިވާ ފަރާތްތަކަށް، އެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެ އެއާލައިނުން މިހާރު ދަނީ ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ޚިދުމަތް ދިނުމަށް ތަރައްގީކޮށްފައިވާ އިފުރު އެއާޕޯޓަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މުހިންމު މަންޒިލެކެވެ. ރ. އަތޮޅުގެ ފަތުރުވެރިކަމަށާއި އާންމު ދަތުރުފަތުރަށް ބޮޑު ލުޔެއް ގެނެސްދިން މި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.



