މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ ނަޞްރުގެ މައްސަރެވެ.
ހުތުބާ ފައްޓަމުން ބަރަކާތްތެރި ރަމަޟާން މަހަކީ މާތްﷲ އެމަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަސްރު ދެއްވުން ލައްވަވާފައިވާ މައްސަރެއްކަން ފާހަގަކޮށްއިވެއެވެ. އެގޮތުން ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ 17 ވަނަ ދުވަހު ކުރެވުނު ބަދުރު ހަނގުރާމަ އަކީ އިސްލާމީ ތާރީހުގައި ފުރަތަމަ ކުރެވުނު ހަނގުރާމަ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.
ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް ނުހަނު ގިނަގުނަ ފަލާވަޅުތަކެއް ލިބުނު ހާދިސާއެއްކަމަށް ފާހަގަކުރަމުން އޭގެ އެންމެ މުހިންމު އެއް ފިލާވަޅަކީ މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުންކަން ފާހަގަ ކުރިއެވެ.
ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރިންނަށް ކިޔަމަންގަތުމުގެ މާތް ސިފަކަމަށް ބަޔާންކުރަމުން އެހާދިސާގައި މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މިކަމުގެ ރިވެތި މިސާލެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިހަނގުރާމައިން މުސްލިމް އުންމަތަށް ލިބުނު އަނެއް ފިލާވަޅަކީ އަސްހާބު ބޭކަލުން ވީ ގުރުބާނީއެވެ.
މިހަނގުރާމާގައި މުސްލިމުންގެ 14 ބޭކަލަކު ޝަހީދުވިއިރު އޭގެ ތެރޭގައި ޒުވާން ސަހާބީން ހިމެނިވަޑައިގަތުމަކީ މިއަދުގެ ޒުވާނުން އިބުރަތް ހާސިލް ކުރަންޖެހޭ ކަމެއްކަމަށް މިއަދުގެ ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. މިހަނގުރާމާގައި އުމުރުފުޅުން އެންމެ 16 އަހަރުގައި އުމައިރު ބުނު އަބީ ވައްޤާސް ބައިވެރިވެލެއްވީ އެކަމަށް ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ކީތިރިކުރައްވައި އާދޭސް ދެންނެވުމުންނެވެ.
ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތްﷲ އަށް ވަކީލުކުރުމާއި ދުއާކުރުމުގެ މުހިންމު ކަމެވެ. ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަސްރާއި ކާމިޔާބީއަށް ވާސިލްކޮށްދޭ ކަމެއްކަން މިއަދުގެ ހުތުބާގައިވަނީ ބުނެފައެވެ.
މީގެ އިތުރުން މިއަދުގެ ހުތުބާގައި ފާހަގަކޮށްފައިވަނީ މުއުމިނުންގެ ދުއާއަކީ ހަތިޔާރެއްކަމެވެ. އަދި ކަންކަމުގައި ﷲ ގެ ޙަޟުރަތުގައި ދުއާ ދެންނެވުމަށް ލަދުގަނެގެން ނުވާނެކަން ފާހަގަކުރަމުން އެކަލާންގެއީ އަޅުތަކުންގެ ދުއާ އިޖާބަ ކުރައްވާ ރަސްކަލާންގެކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކަލާނގެއަށް ބިރުވެތިވެ އިޚްލާސްތެރި ހިތަކުން ދުއާކުރުމަކީ އެދުއާ އިޖާބަވުމަށް އޮތް ބާރެއްކމުގައިވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.
މިއަދުގެ ހުތުބާ ނިންމާލަމުން ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ ﷺ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން މާތްﷲ އަށް ދުއާ ދެއްނެވުމުގައި ގެންގުޅެންޖެހޭ އެންމެ ފުރިހަމަ ނަމޫނާ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެކަލޭގެފާނު ދެއަތްޕުޅު މައްޗަށް ނަންގަވައި ދުއާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހުރުނުކަން ފާހަގަކުރަމުން، އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުން ދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށްދެއްވިކަން ފާހަގަކޮށްފައިވެއެވެ.
ބަދުރު ހަނގުރާމައިން ލިބޭ ފިލާވަޅުތައް ދެނެގަނެ، އެފިލާވަލުތަކުގެ ބޭނުން ފުރިހަމައަށް ހިފާ ބައެއްކަމުގައި އަޅަމެން ލައްވާށި. އާމީން.



