ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑްގައި ރޭގައި ކުޅެނުވު މެޗުތަކުން ރިއަލްމެޑްރިޑް، އާސެނަލް، އެސްޓަންވިލާ އަދި ބޮރޫސިއާ ޑޯޓްމުންޑުން ކުއާޓާ ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.
ފޯރިގަދަ މެޑްރިޑް ޑާބީގައި އެޓްލެޓިކޯ މެޑްރިޑްއިން މެޗުގެ 28 ވަނަ ސިކުންތުގައި ކޮނަރ ގެލަގަރ ޖެހި ލަނޑުން އަވަސް ލީޑެއް ހޯދައި، އެގްރިގޭޓް ސްކޯރު 2-2 އަށް ހަމަކުރިއެވެ. އެއަށްފަހު މެޗުގައި އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން މެޗު އިތުރު ވަގުތަށް ދިޔުމަށްފަހު ޕެނަލްޓީ ޝޫޓްއައުޓަކަށް ދިޔައެވެ. ކޮންޓްރޮވާޝަލް ގޮތަކަށް ދިޔަ ޕެނަލްޓީ ޝޫޓްއައުޓުން ރިއަލް މެޑްރިޑް ކާމިޔާބުވެ، ކުއާޓަރ ފައިނަލްއަށް ވަނީ ދަތުރުކޮށްފައެވެ.

އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ދިން އިންޓަވުއުގައި އޭނާ ބުނީ ޓީމު ބަލިވިނަމަވެސް އޭނާގެ ޓީމުގެ ޕަފޯމަންސްއާމެދު ފަޚުރުވެރިވާ ކަމަށެވެ. އޭނާ ޕެނަލްޓީތަކުގައި ވީއޭއާރުގެ ނިންމުމަކާމެދު ސުވާލު އުފެއްދެވި ނަމަވެސް، މެޗުގައި އޭނާގެ ކުޅުންތެރިންގެ ހިތްވަރާއި ފޯރިއަށް ތަޢުރީފުކުރިއެވެ.
އެސްޓަން ވިލާއިން ދެވަނަ ލެގުގައި ކްލަބް ބްރޫޖް 3-0 އިން ބަލިކޮށް، 6-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓަރ ފައިނަލްއަށް ވަނީ ދަތުރުކޮށްފައެވެ. މި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު މާކޯ އަސެންސިއޯ ދެ ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ.
ވިލާގެ މެނޭޖަރ އުނާއީ އެމެރީ ބުނީ ކުއާޓަރ ފައިނަލްއަށް ދެވުނު ކަމާމެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި، ނަމަވެސް ދެން ކުރިމަތިލާން ޖެހޭ ޕީއެސްޖީ މެޗަށް ތައްޔާރުވެ، އިތުރު ކާމިޔާބީތަކަށް ހޯދުމަށް ޓީމުގެ އުއްމީދު ބޮޑުކަމަށެވެ. އަދި އޭނާގެ ކުޅުންތެރިންގެ ހިތްވަރު ތަޢުރީފުކޮށް އަސެންސިއޯގެ ޕަފޯމަންސް ފާހަގަކުރިއެވެ.

އާސެނަލްއިން ޕީއެސްވީ އައިންދްހޯވަންއާ ކުޅުނު މެޗު 2-2 އިން އެއްވަރުވި ނަމަވެސް، 9-3 ގެ އެގްރިގޭޓް ނަތީޖާއަކުން ފަސޭހަކަމާއެކު ކުއާޓަރ ފައިނަލްއަށް ވަނީ ދަތުރުކޮށްފައެވެ. އާސެނަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޒިންޗެންކޯ އާއި ޑެކްލަން ރައިސް އެވެ.
މެޗަށްފަހު ކޯޗު މިކެލް އަރޓެޓާ ބުނީ ޓީމު ކުރިއަށް ދިޔަ ކަމާމެދު ހިތްހަމަޖެހޭ ކަމަށާއި، މުޅި މުބާރާތުގައި ޓީމުގެ ޕަފޯމަންސް ރަނގަޅުކަމަށެވެ.
ބޮރޫސިއާ ޑޯޓްމުންޑްއިން ފްރާންސްގައި ލިލްއާ ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށް، އެމީހުންގެ ހިތްވަރާއި ހުނަރުވެރިކަން ވަނީ ދައްކުވައިދީފައެވެ. ޑޯޓްމުންޑްގެ ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ އަމާޒަށް ސަމާލުކަން ދިނުން މުހިންމުކަން ފާހަގަ ކުރަމުން، މުބާރާތުގައި ކުރިއަށް ދާއިރު ފާފޯމެންސް ހިފެހެއްޓުމަށް މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިޔަ ޓީމުތައް މިހާރުވަނީ ކަށަވަރުވެފައެވެ. އެގޮތުން ރިއަލް މެޑްރިޑް ނުކުންނާނީ އިންގްލެންޑްގެ އާސެނަލްއާއި ދެކޮޅަށެވެ. ބެޔާން މިޔުނިކާއި އިންޓަމިލާންގެ ކުރިމަތިލުމެއް ފެންނައިރު، ބާސެލޯނާ ނުކުންނާނީ ބޮރޫސިއާ ޑޯޓްމުންޑާއި ދެކޮޅަށެވެ. މީގެ އިތުރުން ޕީއެސްޖީ ބައްދަލުކުރާނީ އެސްޓަން ވިލާއާއި ދެކޮޅަށެވެ.
ކުއާޓާ ފައިނަލުގަވެސް ފޯރިގަގަ މެޗުތަކެއް ކުޅެވޭއިރު، މިމެޗުތަކުގެ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 އަދި 9 ގައެވެ. ދެވަނަ ލެގްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ހަފްތާގައެވެ.