ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ތުރުކިޔޭގެ އަންކާރާ ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފި އެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއާއި، ރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ރަހީމް އަބްދުލް ލަތީފާއި އަންކަރާ ޔުނިވަރސިޓީގެ ރެކްޓަރ ނެކްޑެޓް އުނުވަރ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ބޭއްވި މިބައްދަލުވުމުގައި ބޮޑަށް މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ދެ ގައުމު ގުޅިގެން ދިރާސާތަކާއި، އީޖާދީގޮތްތަކާއި ތަމްރީނު ފޯރުކޮށްދީ ކާނާގެ ޔަޤީންކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާދީ ބެލެހެއްޓުމަށް އެ ޔުނިވަރސިޓީގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ ދެފަރާތުގެ މެދުގައި މަޝްވަރާކުރެވިފައެވެ.
އަންކާރާ ޔުނިވަރސިޓީއަކީ ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާދީ ބެލެހެއްޓުމުގައި ތަޖުރިބާކާރު ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީގައި ވެޓެރިނަރީ ފެސިލިޓީ ޤާއިމްކޮށްފައިވަނީ 1842 ވަނަ އަހަރުއެވެ.