މެންޗެސްޓަރ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން ”އެކަށީގެންވާ ވަރަށް ރަނގަޅެއް ނޫން“ ކަމަށާއި އަދި ބައެއް ކުޅުންތެރިންނަށް ”މާ ބޮޑަށް މުސާރަ ދެވިފައިވާ“ ކަމަށް ކްލަބުގެ ކޯ އޯނަރު ކަމުގައިވާ ސަރ ޖިމް ރެޓްކްލިފް ވިދާޅުވެއެވެ.
މިޑްފީލްޑަރ ކަސެމީރޯ، ސްޓްރައިކަރ ރަސްމުސް ހޯޖްލަންޑް، ގޯލްކީޕަރ އަންޑްރޭ އޮނާނާ، އަދި ވިންގަރުން ކަމުގައިވާ އެންޓޯނީ އާއި ޖޭޑަން ސަންޗޯ ފަދަ ކުޅުންތެރިންނަކީ ”ވާރުތަވެފައިވާ“ ކުޅުންތެރިންތަކެއް ކަމަށް ބީބީސީ ސްޕޯޓަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ.
ރެޓްކްލިފްއަކީ އުފަންއިރުއްސުރެ މެންޗެސްޓަރ ޔުނައިޓެޑްގެ ފޭނެކެވެ. އޭނާއަކީ ޕެޓްރޯކެމިކަލްސް ކުންފުންޏެއް ކަމުގައިވާ އިނިއޮސްގެ ޗެއަރމަންއެވެ. އިނިއޮސްއަކީ ކުޅިވަރުގެ ދާއިރާގައި ވަރުގަދަ އިންވެސްޓްމަންޓް ބާރެއް އޮތް ކުންފުންޏެކެވެ.
އުމުރުން 72 އަހަރުގެ ރެޓްކްލިފް ވަނީ ފާއިތުވި އަހަރު 1.3 ބިލިއަން ޕައުންޑް ޚަރަދުކޮށްގެން ކްލަބުގެ 28.94 އިންސއްތަ ގަނެފައެވެ.
ފުޅާ ދާއިރާއެއްގައި ކުރެވުނު މި އިންޓަވިއުގައި، ރެޓްކްލިފް ވާހަކަދެއްކެވީ މި ފަހަކަށް އައިސް ދަނޑުމަތީގައި ކުރިމަތިވަމުންދާ ދަތިތަކާ ބެހޭގޮތުންނެވެ. އަދި މިހާރު ޕްރިމިއަރ ލީގުގެ ތާވަލުގައި ޓީމު އޮތީ 14 ވަނައިގައެވެ – އަދި 2028 ވަނަ އަހަރުގެ ކުރިން ޓްރޮފީއެއް ހޯދުމުގެ ވަޢުދު އަލުން ވަނީ ތަކުރާރުކޮށްފައެވެ.
އަދި ޔުނައިޓެޑްގެ މިލްކުވެރިކަމާ ދެކޮޅަށް ސަޕޯޓަރުން އިހުތިޖާޖުކުރި ދުވަހުގެ ޖެހިގެން އައި ދުވަހު ވާހަކަދައްކަވަމުން، ކްލަބުގެ މާލީ ދަތިތަކާ ބެހޭގޮތުން ވެސް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާ ޤަބޫލުކުރައްވާ ގޮތުން ”މަޤްބޫލް ނޫން“ ފިޔަވަޅުތަކެއް ނޭޅިނަމަ، މި އަހަރުގެ ނިޔަލަށް ކްލަބުގެ ފައިސާ ހުސްވެގެންދާނެއެވެ.
ރެޓްކްލިފް ހިތާމަކުރެއްވީ އޭނާ އެ ކްލަބާއި ހަވާލުވުމުގެ ކުރިން ސޮއިކުރެވުނު ކުޅުންތެރިންނަށް އަދިވެސް ފައިސާ ދައްކަން ޖެހޭތީއެވެ. މިގޮތުން އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ކުރީކޮޅު ސަންޗޯއަށް އަދިވެސް 17 މިލިއަން ޕައުންޑް ދައްކަން ޖެހެއެވެ.
އިނގިރޭސިވިލާތުގެ މި ވިންގަރަކީ 2021 ގައި ބޮރޫސިއާ ޑޯޓްމަންޑްއިން 73 މިލިއަން ޕައުންޑަށް ގަނެވުނު ކުޅުންތެރިއެކެވެ. ނަމަވެސް އޭރުގެ ޔުނައިޓެޑް މެނޭޖަރ ޓެން ހާގާ ދެބަސްވުމަކަށްފަހު އޭނާ އަނބުރާ ޖަރުމަނުގެ ކްލަބަށް ލޯނުގައި ދޫކުރެވުނެވެ. އަދި މި ސީޒަނުގެ ފެށުމުގައި ޗެލްސީއަށް ލޯނުގައި ދޫކުރެވުނެވެ.
”ސަންޗޯއަށް، މިހާރު ޗެލްސީއަށް ކުޅޭ އަދި އަޅުގަނޑުމެން އޭނާގެ މުސާރައިގެ ދެބައިކުޅައެއްބައި ދައްކާ ކުޅުންތެރިއަށް، މި އަހަރުގެ ކުރީކޮޅު އޭނާ ގަތުމަށް 17 މިލިއަން ޕައުންޑް ދައްކަން ޖެހޭ“ ރެޓްކްލިފް ފާހަގަކުރިއެވެ.

ބްރެޒިލްގެ ވިންގަރ އެންޓޯނީއަކީ ވެސް ލޯނުގައި ދޫކުރެވިފައިވާ އަނެއް ކުޅުންތެރިއެވެ. އެޔެކްސް އިން 81.5 މިލިއަން ޕައުންޑަށް ގަނެވުނު މި ކުޅުންތެރިޔާ އޯލްޑް ޓްރެފަޑްގައި ދެއްކި ކުޅުމުން ނާކާމިޔާބުވުމަށްފަހު މިހާރު ކުޅެމުންދަނީ ސްޕެއިންގެ ރިއަލް ބެޓިސްއަށެވެ.
އޭނާގެ އަނެއް ބްރެޒިލް ކުޅުންތެރިޔާ ކަސެމީރޯ އައީ 2022 ގައި 70 މިލިއަން ޕައުންޑުގެ ޑީލްއެއްގައެވެ. އަދި ޑެންމާކުގެ ސްޓްރައިކަރ ހޯޖްލަންޑް އައީ ޖެހިގެން އައި އަހަރު 72 މިލިއަން ޕައުންޑަށެވެ.
ކެމަރޫނުގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ އޮނާނާ ކްލަބާ ގުޅުނީ ހަމަ އެ އަހަރުގެ ކުރީކޮޅު 47.2 މިލިއަން ޕައުންޑަށެވެ.
މި ހުރިހާ ކުޅުންތެރިންނަށް ވެސް ކްލަބުގައި ހޭދަކުރި މުއްދަތުގައި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އެ ކުޅުންތެރިން މެންޗެސްޓަރ ޔުނައިޓެޑަށް އެކަށީގެންވާ ވަރަށް ރަނގަޅެއް ނޫން ކަމަށް ހުށަހަޅަނީތޯ އެހުމުން، އޭނާ ބުނިގޮތުގައި ބައެއް ކުޅުންތެރިން އެކަށީގެންވާ ވަރަށް ރަނގަޅެއް ނޫން އަދި ބައެއް ކުޅުބައެއް ކުޅުންތެރިންނަށް ފަހަރެއްގައި މާ ބޮޑަށް މުސާރަ ދެވިފައިވާނެ، އެކަމަކު މެނޭޖުމަންޓުން ފުރިހަމައަށް ޒިންމާވާ އަދި ޖަވާބުދާރީވާންޖެހޭ ސްކޮޑެއް އެކުލަވާލުމަށް ވަގުތު ނަގާނެކަމަށެވެ.