އިސްލާމްދީނަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލާ ދީނެއް ނޫން ކަމަށާއި، އެއީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަށް ބާރުއަޅާ ދީނެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
”ސާފުތާހިރުކަމާއި ޒީނަތްތެރިކަން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި އިއްވި ޚުޠުބާގައި، މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމުގައި ބަޔާންކޮށްފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. ނަމާދަށް ހުއްޓުމާއި ޤުރްއާން ކިޔެވުން ފަދަ އަޅުކަންތައް ކުރަންޖެހެނީ ތާހިރުކަންމަތީގައި ހުރެގެން ކަމަށްވާއިރު، ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެކެވެ. ނަމަވެސް، ހަގީގީ ތާހިރުކަމަކީ ޝިރުކާއި ޙަސަދަ ފަދަ ނުބައި ސިފަތަކުން ހިތް ސާފުކުރުން ކަމަށްވެސް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.
ފިޠުރަތުގެ ސުންނަތްތަކަށް އަލިއަޅުވާލަމުން، ޚިތާނުކުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުން ފަދަ ކަންކަމަށް ފަރުވާކުޑަނުކުރުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. މި ކަންކަމަށް ފަރުވާކުޑަކުރުމަކީ ޖަރާސީމު އުފެދި، ނުބައި ވަސް ދުވުމަށް މެދުވެރިވާ، އިންސާނީ ފިޠުރަތާ ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޚާއްޞަ ސަމާލުކަމެއްގެ ގޮތުން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސާފުތާހިރުވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވަމުންދާ ދިއުމަށް ޚުޠުބާގައި އިންޒާރު ދީފައިވެއެވެ. އެގޮތުން، ސެލޫންތަކަށް ގޮސް ”ވެކްސް“ ކުރުމާއި ”ލޭޒާ ޓްރީޓްމެންޓް“ ހެދުމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމް ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ.
މިސްކިތްތަކުގެ އަދަބުތަކަށް ބަލާއިރު، ފިޔާ ނުވަތަ ލޮނުމެދު ފަދަ އެއްޗެހި ކައިގެން ނުވަތަ ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުބައި ވަސްދުވާ ޙާލުގައި މިސްކިތަށް ދިއުމަކީ މަލާއިކަތުންނަށާއި މީސްތަކުންނަށް އުނދަގޫވާނެ ކަމެއް ކަމަށް ބަޔާންކުރިއެވެ. އަދި ހެދުން އެޅުމުގައި ޢައުރަ ނިވައިވާނެހެން، ޚާއްޞަކޮށް ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދު ގެއްލޭ ފަދަ ގޮތްގޮތަށް ޒީނަތްތެރި ނުވުމަށް އަންހެން ކަނބަލުންނަށް ނަސޭހަތްތެރިވިއެވެ. ހަމައެހެންމެ، ފިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައްޔާއި ނަމާދުގައި ޢައުރަ ކަޝްފުނުވާނެ ފަދަ ހެދުން އެޅުމަށް ވަނީ ގޮވާލާފައެވެ.
ﷲ އުފައްދަވާފައިވާ ސިފަ ބަދަލުކުރުމުގެ ގޮތުން ޓެޓޫ ޖެހުމާއި ބުމަ އުފުރުން ފަދަ ކަންކަމަކީ ﷲގެ ލަޢުނަތް ހުރި ކަންކަން ކަމުގައި ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ވުޟޫކުރާއިރު ފެން ނުޖެހޭ ފަދަ މޭކަޕް ނުވަތަ ތަކެތި ބޭނުންކުރުމުން ނަމާދު ޞައްޙަ ނުވާނެތީ އެކަމަށް ސަމާލުވުމަށްވެސް އެދިފައިވެއެވެ.



