- Advertisement -spot_img

ކެބިނެޓަށް ގެނައި ބަދަލާއެކު 14 ވަޒީރަކަށް ރުހުން ހޯދަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ކެބިނެޓަށް ގެންނެވި ބޮޑެތި ބަދަލުތަކާ ގުޅިގެން، އަލުން އެކުލަވައިލެއްވި 14 ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވުމުން، އެ މައްސަލަ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމްއެވެ. ސަރުކާރުގެ ކެބިނެޓަށް މި ކުއްލި ބަދަލުތައް ގެންނަވަން ޖެހިވަޑައިގަތީ އެއްފަހަރާ 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި އެޅުއްވި އިސްލާހީ ފިޔަވަޅެކެވެ. މި ބަދަލާއެކު ބައެއް ވުޒާރާތައް އެއްކޮށްލައްވައި، ސަރުކާރުގެ ވުޒާރާތަކުގެ ޖުމްލަ އަދަދު ވަނީ 20 އިން 15 އަށް މަދުކުރައްވާފައެވެ.

އައު ކެބިނެޓުގައި ބަންޑާރަ ނައިބާއެކު ޖުމްލަ 15 ބޭފުޅުން ތިއްބަވާއިރު، އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 12 ވަޒީރަކު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. އަދި އޭގެ ފަހުން ފިޝަރީޒް މިނިސްޓަރު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ވެސް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ. އަލަށް ކެބިނެޓާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު، އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފް އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ވުޒާރާތައް މަދުކޮށް މެންޑޭޓަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިންވެސް ކެބިނެޓުގައި ތިއްބެވި ބައެއް ވަޒީރުން ވަނީ އަލުން މަގާމުގެ ހުވާކުރައްވާފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ހިމެނިވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް