- Advertisement -spot_img

ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާނުގެ ހާދިސާގައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ޙާލަތްތަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކުއްލި ޙާލަތުގައި ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު މެރިއޮޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯރާއި، ފުނަދޫ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، ފުނަދޫގެ ރައްޔިތުންނަށް، ދެއްވި އެއްބާރުލުމަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި، އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫޢަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި ޢާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 33 މީހުން ވަނީ ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. މި ހާދިސާގައި 5 ގޭބިސީއަށާއި، 4 ވޯކްޝޮޕް / ގުދަނަކަށް އަލިފާނުގެ އަސަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްގޭބިސީއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ރަށު ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް