ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފިއެވެ.
ޕީއެންސީގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މި ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވާފައިވަނީ ހަމައެކަނި މި ދެ ބޭފުޅުންނެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުގެ ސަބަބުން މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމަކާ ގުޅިގެންނެވެ. އެހެންކަމުން، އެ ދާއިރާއަށް އާ މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ޕްރައިމަރީގައި ދެން ވާދަކުރައްވާ ސައީދަކީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރެވެ. އެހެންނަމަވެސް، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.
މި އިންތިޚާބުގައި ޕީއެންސީއާ ވާދަކުރަން އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވާނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެމްޑީޕީގެ ޓިކެޓަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ޕްރައިމަރީއަކާ ނުލައި ސޯބެއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.



