- Advertisement -spot_img

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރެއް އަމާނެއް ނުވާނެ: އީރާން

އީރާނުގެ ބަނދަރުތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިކޮށްފިނަމަ، މުޅި ސަރަހައްދީ ފެންވަރުގައި އެކަމަށް ރައްދުދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ދީފިއެވެ.

އަދި އީރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ، ޕާޝިއަން ގަލްފް ނުވަތަ އޮމާން ކަނޑުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ ވިދާޅުވީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ދެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެ ސަލާމަތްތެރިކަން އޮންނަންވާނީ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ކަމަށާއި، އެހެން ނޫންނަމަ އެއްވެސް ފަރާތަކަށް އެ ރައްކާތެރިކަން ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ސަރަހައްދީ ކަނޑުގެ ސިޔާދަތީ ބާރު ދެމެހެއްޓުމާއެކު، ގައުމުގެ ހައްގުތައް ދިފާއުކުރުމަކީ އީރާނުގެ ހަތިޔާރު އެޅި ބާރުތަކަށް ލިބިގެންވާ ގާނޫނީ އަދި ތަބީއީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ކަނޑުގެ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ވަރުގަދަކޮށް ކުރިއަށްދާނެ ކަމަށް ޒުލްފަގާރީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދުޝްމަނުންނާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހައްގު މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ނޯންނާނެ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލް ވިދާޅުވި ގޮތުގައި، އެހެނިހެން އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ އިސްލާމީ ޖުމްހޫރިއްޔާގެ ހަތިޔާރު އެޅި ބާރުތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކަށް ރިއާޔަތްކޮށް، މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުވުމަށްފަހުވެސް، ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ދާއިމީ ނިޒާމެއް ގާއިމުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށާއި، އެއީ ކަނޑުފޭރުމުގެ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޒުލްފަގާރީ އިތުރަށް ވިދާޅުވީ، އީރާނުގެ ބަނދަރުތަކުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި، ޕާޝިއަން ގަލްފް ނުވަތަ އޮމާން ކަނޑުގެ އެއްވެސް ބަނދަރަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ބުނީ އެމެރިކާގެ ނޭވީން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ”ނޭވަލް ބްލޮކޭޑެއް“ ގާއިމުކުރާނެ ކަމަށެވެ. މި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އިރުމަތީ ގަޑިން 10:00 (ޖީއެމްޓީން 14:00) ގައެވެ.

ޓްރަމްޕްގެ މި އިންޒާރުތަކަކީ ”ވަރަށް މަޖާ އަދި ހިނި އަންނަ ޒާތުގެ“ ވާހަކަތަކެއް ކަމަށް ބުނެ އީރާނުގެ ނޭވީ ކޮމާންޑަރު ވަނީ ހަޖޫޖަހާފަ އެވެ. އަދި އެ ސަރަހައްދުގައިވާ އެމެރިކާގެ ފްލީޓްތަކުގެ ކޮންމެ ހަރަކާތެއް އީރާނުގެ އަސްކަރިއްޔާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް