މި އަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި އުފެއްދުންތައް ބައިވެރިކުރުވުމުގެ އުސޫލު މިހާރު ވަނީ އާންމުކޮށްފައެވެ.
އުފެދުންތެރިކަމުގެ މައުރަޒު ބާއްވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަ (ބީސީސީ) އިން އިންތިޒާމުކޮށްގެންނެވެ.
މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށްވުރެ ފުޅާ ދާއިރާއެއްގައި މިއަހަރުގެ އެކްސްޕޯ ބޭއްވުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމަށްއެދި ހުށަހެޅުމުގެ ފުރުޞަޠު https://www.expo.mv ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ފާއިތުވި 2025 އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.
ތަފާތު ގިނަ ޙަރަކާތްތަކަކާއެކު 5 ޑިސްޓްރިކްޓަކަށް ބަހާލައިގެން 2025 ވަނަ އަހަރުވެސް ކުރިއަށް ގެންދެވުނު މަޢުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.
މައުރަޒާ ގުޅޭ އިތުރު މަޢުލޫމާތު ބީސީސީގެ ނަންބަރު 3305555 އަށް ގުޅުމުން ލިބޭނެކަމަށް މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ.
ދިގުމުއްތަކަށްފަހު އުފެއްދުންތެރިކަމުގެ މަޢުރަޒު ބާއްވާނޭކަން އިއުލާނުކުރީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އާދަޔާހިލާފު ތަރުޙީބެއް ލިބުނެވެ.



