- Advertisement -spot_img

އެމްޑީޕީގެ ކޯޅުންގަނޑުގެ ތެރެއިން އަންނަ ހޯމަ ދުވަހަށް ގަދަ ހިފުމެއް ތާވަލުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުން ބާއްވާކަން އެމްޑީޕީން މިހާރު ވަނީ ގައުމީ މަޖިލީހުގެ މެންބަރުންނަށް އަންގާފައެވެ.

ގައުމީ މަޖިލީހުގެ މި ބައްދަލުވުން ކުއްލި ގޮތަކަށް މި ބާއްވަނީ ގަފޫރު މަގާމުން ވަކިކުރުމަށް އެދި 55 މެންބަރުންގެ ސޮޔާއެކު މިއަދު ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެންނެވެ. އެމްޑީޕީން މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އެ ޕެޓިޝަނާ މެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން ހޯމަ ދުވަހު އޮންނާނެ ކަމަށާއި، ބައްދަލުވުން ބާއްވާނެ ތަނާއި ގަޑި ފަހުން އަންގާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ގްރޫޕެއްގައި ބައެއް މެންބަރުން ވަނީ ގަފޫރު އަމިއްލައަށް މަގާމުން ދުރަށް ޖެހުމަށް އެދިފައެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ގަފޫރު ވިދާޅުވީ، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނޭ ކަމަށާއި، އޭނާ ވަކިކުރުމުގެ ވޯޓު ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގަފޫރު ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެންމެ ފަހުން ބޭއްވި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލާގައި ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލާގައި ބައެއް މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްވެސް ކޮށްފައެވެ.

ގަފޫރު ވަކިކުރަން ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ، އޭނާއާ ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ހަވާލުކުރީ ސަރުކާރުގެ ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. ނަމަވެސް، ގަފޫރުގެ އަމަލުތަކުގެ ސަބަބުން ޕާޓީގެ މަސްލަހަތު ގެއްލި، އާންމު މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޕާޓީއާމެދު ރައްޔިތުން ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް