މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. މީގެ ތެރެއިން އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



