އައްޑޫ ސިޓީ ހިތަދޫގައި އާސަންދަ އާއި އެންސްޕާގެ އޮފީހެއް ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި އެންސްޕާ އަދި އާސަންދައިގެ އިސްވެރިންނެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އައްޑޫގައި މިފަދަ އޮފީހެއް ހުޅުވިގެން ދިޔުމަކީ ދެކުނުގެ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި އާސަންދަ އާއި އެންސްޕާގެ ހިދުމަތްތަކަކީ ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވިފައިވާ ހިދުމަތްތަކެއް ނަމަވެސް ބޮޑެތި ސިޓީތަކުގައި އޮފީސްތައް ހުޅުވައި މުވައްޒަފުން ހަރަކާތްތެރިވާންޖެހޭ ކަމަށެވެ.
މީގެކުރީގެ އެއްވެސް ސަރުކާރަކުން މިފަދަ ކަމަކަށް ވިސްނުން ގެންގުޅެފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވިސްނުންފުޅު ގެންގުޅުއްވާ މިފަދަ ކަމަކަށް އިރުޝާދު ދެއްވީ ރައްޔިތުންގެ ހާލު ދެނެގަތުމަށް އެމަނިކުފާނު ގެންގުޅުއްވާ އަހައްމިޔަތުކަމުގެ ސަބަބުން ކަމަށް ހީނާ ވިދާޅުވި އެވެ.
”މި އޮފީސް ހުޅުވިގެން ދިޔުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ދައުލަތުގެ އެހީއަށް ބޭނުންވާ ކޮންމެ ފަރާތަކަށް އަޅުގަނޑުމެންނާއި ހަމައަށް އައުމަށް ނުވަތަ އަޅުގަނޑުމެންނަށް އެ ފަރާތްތަކާ ހަމައަށް ދިޔުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމީ އުފަލާއެކު ފާހަގަކުރާ ކަމެއް،“ ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މި އޮފީހުން މިވަގުތު ފޯމު ބަލައިގަތުމާއި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް ސާފުކޮށްދިން ނަމަވެސް ކުރިއަށް އޮތް ތަނުގައި މި އޮފީހަކީ އެންސްޕާ އާއި އާސަންދައިން ދޭ ހުރިހާ ހިދުމަތްތަކެއް ދެވޭނެ ފަދަ އޮފީހަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން މި އަހަރު ނިމެންވާއިރަށް އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަށްވެސް ވިދާޅުވި އެވެ.



