އަންނަ ބުދަދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެ ފަހު މުބާރާތުގެ ފައިނަލްގައި ކުޅުނު ބަންގްލަދޭޝް އާއި ނޭޕާލް ވާދަކުރަން ޖެހިއްޖެއެވެ. ސެމީގެ ދެވަނަ މެޗުގައި ނުކުންނާނީ އިންޑިއާ އާއި ބޫޓާން، ބުދަދުވަހުގެ ރޭގަނޑެވެ.
މިފަހަރުގެ ސެމީ ފައިނަލްގައި އެ ކުޅެނީ 2024ގެ މުބާރާތުގެ ސެމީގައި ވެސް ވާދަކުރި ހަތަރު ޓީމެވެ.
ނޭޕާލްގައި 2024ގައި އޮތް މުބާރާތުގެ ފައިނަލް މެޗު ނޭޕާލް ބަލިކޮށް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝްއެވެ. އެހެންކަމުން އަންނަ ބުދަދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި އޮންނަ ވާދަވެރިކަން ވަރުގަދަވާނެ ކަމަށް ފެނެއެވެ.
ރާއްޖެ ހިމެނުނު ގްރޫޕް އޭއިން ނޭޕާލް ސެމީއަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައެވެ.
ބޫޓާން ވަނީ ގްރޫޕްގެ ފަހު މެޗުގެ އެންމެ ފަހު ވަގުތުކޮޅު ލަނޑެއް ޖަހައި 1-0އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ. މެޗު އެއްވަރުވި ނަމަ ސެމީއަށް ދިޔައީހީ ލަންކާ އެވެ. ނަމަވެސް މެޗުން މޮޅުވުމުން ހަތަރު ޕޮއިންޓް ލިބިގެން ބޫޓާނުން ޖާގަ ހޯދި އެވެ.
އިންޑިއާ އާއި ބޫޓާން ސެމީގައި ކުޅޭ އިރު ދިވެހި ފުޓްބޯޅައިގެ ހަނދާންތައް ހުރި މީހުންގެ ވިސްނުމަށް އަންނާނީ 2008ގައި ރާއްޖެ އާއި ސްރީ ލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް އެވެ. މާލޭގައި ކުޅުނު އެ މެޗުން އިންޑިއާއަށް މޮޅުވެވުނީ 1-0 އިންނެވެ.
ރާއްޖެ ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާގައި އޮތް ފައިނަލް މެޗުގައި އިންޑިއާ ބަލިކޮށްފައެވެ.
މިހާރު ކުރިއަށް މި ދަނީ އުމުރު ފުރައިގެ މުބާރާތެކެވެ. އެކަމަކު ސެމީގައި އިންޑިއާއާ ވާދަކުރަން ލިބުމަކީ ބޫޓާނަށް އޮތް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ބެލެވެއެވެ.



