ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް ރައީސް އިލްތިމާސްކުރައްވައިފި

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް ރައީސް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިޔާ މިހެން ވިދާޅުވެފައިވަނީ މިއަދު ފެށުނު 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރުމަށް ފޮނުއްވި މެސެޖެއްގައެވެ.

އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި ބަރަކާތުން ފުރިގެންވާ މި މައްސަރަކީ ރޫޙު އާލާކޮށް، މުރާޖަޢާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަޤީދާ ހަރުދަނާކުރުމުގެ މައްސަރެއް ކަމުގައެވެ.

މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ. އަދި މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.

މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ޚިދުމަތްކުރުމުގެ ޢަޒުމު ވަރުގަދަވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އަދި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް