- Advertisement -spot_img

ގއ. ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ޙަވާލުކޮށްފި

ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

ވިލިނގިލީގައި ތަރައްޤީކުރާ މި ކެމްޕަހަކީ މުޅި ރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރުގެ ކެމްޕަހެއް ތަރައްޤީކުރުމުގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން އަންނަ ދަރިވަރުންނަށް ބޭނުންވާނެ އެކަމަޑޭޝަން ބްލޮކެއްވެސް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސްތައް ތަރައްޤީކުރުމަށް އެކި ކުންފުނިތަކާ ޙަވާލުކޮށް، ބައެއް ރަށްރަށުގައި ޢަމަލީ މަސައްކަތް ފަށާފައިވެއެވެ. މި ކެމްޕަސްތައް ފަރުމާކޮށްފައިވަނީ ކިޔަވައިދިނުމަށް ބޭނުންވާ ކްލާސްރޫމްތަކުގެ އިތުރުން، ދަރިވަރުން އެތަނެއްގައި ތިބެގެން ކިޔެވޭނެ ފަދަ އެކަމަޑޭޝަން ވަޞީލަތްތަކާއެކުގައެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިންމައި، އަތޮޅުތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމެވެ. މީގެ ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ އެންމެ 4 ކެމްޕަސް ހުރި ނަމަވެސް، މިހާރު އެމްއެންޔޫގެ 26 އަށްވުރެ ގިނަ މަޝްރޫޢާއި އައިޔޫއެމްގެ 12 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބޭރު ބަސްތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ލޭންގުއޭޖް ސްކޫލްތައް ޤާއިމްކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ސްކޫލްތައް ޤާއިމްކުރާނީ ކުޅުދުއްފުށީ ސިޓީއާއި، އައްޑޫ ސިޓީގެ އިތުރުން ލ. ފޮނަދޫގައެވެ. މި މަޝްރޫޢުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު އުނގެނުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް