ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ބާއްވާނެ

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ އިޙްޔާ ފޯރަމްތައް އޮންނާނެކަން އެވުޒާރާއިން ހާމަކޮށްފިއެވެ.

މިއަހަރު މާލޭގައި ބާއްވާ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށް އެވުޒާރާއިން މަޢުލޫމާތުދެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރެއެވެ. މި ފޯރަމްގައި ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން“ މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މީގެ އިތުރުން އިޙްޔާ މި ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމްއެވެ.

މާލޭގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ އިތުރުން އަތޮޅުތެރޭގެ ހަތް ރަށެއްގައިވެސް މިއަހަރު އިޙްޔާ ފޯރަމް އޮންނާނެކަމަށް އެޒުވާރާއިން ވަނީ ބުނެފައެވެ. އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންނެވެ.

އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.

އަދި މީގެއިތުރުން މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.

މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް