- Advertisement -spot_img

ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

މ.ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ހަވާލުކޮށްގެން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 27 ސެޕްޓެމްބަރު 2025 ގައެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރަމުންދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތެވެ.

ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނަ ޕްލާންޓެކެވެ. މި ޕްލާންޓު ގާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއާއި އެކުގައެވެ. މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.

ގުޅުންހުރި ލިޔުންތައް