- Advertisement -spot_img

ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީއަކަށް ސަބީހާ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހްމަދު، ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސަބީހާ މި މަގާމަށް އައްޔަންކޮށްފައި މިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިއުރީ މިދިޔަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވީއެމްސީގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް އިންނަވާ ސަބީހާ މިހާރުވެސް ހުންނެވީ ވީއެމްސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައެވެ.

ސީއޯއޯގެ މަގާމު ޑިސެމްބަރު 2023އިން ފެށިގެން ސަބީހާ އަދާކުރައްވަމުން ގެންދަވާއިރު، ވީއެމްސީގެ ބޯޑަށް އޭނާ އައްޔަންކޮށްފައި ވަނީ 29 އޮކްޓޫބަރު 2025ގައެވެ.

ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަބީހާއަކީ ޑެސްޓިނޭޝަން މާކެޓިން، ލަގްޒަރީ ރިސޯޓް، ސޭލްސް އަދި ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ހާއްސަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ވީއެމްސީގައި އޭނާ ވަނީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު ދާއިރާތައް ކަމަށްވާ ބައިނަލްއަގުވާމީ ކެމްޕޭންތަކާއި، ޓްރޭޑް ހަރަކާތްތަކުގެ އިތުރުން ބްރޭންޑް މެނޭޖްމަންޓް ބަލަހައްޓަވާފައެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމަށް ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ގާއިމުކުރުމާއި ވިޔަފާރި ފުޅާކުރުމަށްވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ވީއެމްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ސަބީހާ ވަނީ ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، އެކޯ އަދި ޖުމެއިރާ ގްރޫޕުގައި މަސައްކަތް ކުރައްވާފަ އެވެ. ސަބީހާއަކީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް